ފަލަސްތީނުގެ ރައްޔިތުން ޣައްޒާ އިން ބޭލުމަށް އެއްވެސް ފަރާތަކުން ކުރާ އެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކު ވެސް ތާއީދު ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މި ހިނގާ 2025 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ޣައްޒާއަކީ ފަލަސްތީނު ރައްޔިތުންގެ މިލްކެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ބޭލުމަށް އެއްވެސް ފަރާތަކުން ކުރާއެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދު ނުކުރާނެކަމަށެވެ.

އަދި ގައުމުތަކުގެ ބިންތައް ހިފައިގަތުމާއި، ފުރާނަޔަށް ގެއްލުންދިނުމާއި، އިންސާނީ ކަރާމާތަށް އަރައިގަތުން ފަދަ ޖަރީމާތައް ދިވެހިރާއްޖެ އެއްގޮތަކަށްވެސް ބަލައި ނުގަންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ އެޕްލިކޭޝަނަށް ރާއްޖެއިން ތަދައްހުލުވުމަށް ނިންމައި، ރާއްޖެއިން ވާނީ ފާއިތުވި އަހަރު ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ހުށަހަޅާފައި ކަމަށެވެ.

އަދި، ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކާ، އ.ދ. އާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި ދުނިޔޭގެ އެކި ޤައުމުތަކުން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން އިސްރާއިލުން އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހު އ.ދ.ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރު ދިވެހިރާއްޖެއިން ކޯ ސްޕޮންސަރ ކޮށްފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ފަލަސްތީނުގެ ރައްޔިތުން ޣައްޒާ އިން ބޭލުމަށް އެއްވެސް ފަރާތަކުން ކުރާ އެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކު ވެސް ތާއީދު ނުކުރާނެ ކަމަށް ރައީީސް ވިދާޅުވިއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޣައްޒާގެ ރައްޔިތުން އަރަބި އެހެން ގައުމުތަކަށް ބަދަލު ކުރަންޖެހޭ ކަމަށް ބުނެފައެވެ.