ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ނަތީޖާ ހާސިލު ކުރުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވުމަކީ، މިއީ ރައްޔިތުންގެ ސަރުކާރެއްކަން ހާމަކޮށްދޭ ކަމެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ރައީސް އިއްވެވި ރިޔާސީ ބަޔާނާ ގުޅޭގޮތުން ފަހުމީ އެކްސްގައި ވިދާޅުވީ، ރައްޔިތުންގެ ހިދުމަތުގައި އަޒުމާއި ފޯރިއާއެކު، ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނަކީ ގައުމުގެ އެންމެހައި ދާއިރާތަކަށް އަލިއަޅުވާލައި، ދިވެހި ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަމާއި އުއްމީދު ގެނެސްދިން ބަޔާނެއް ކަމުގައެވެ.
މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައި، ނަތީޖާ ހާސިލުކޮށްދިނުމުގެ މައްޗަށް ކަމުގެ ޔަގީންކަމާއެކު، ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އަޑުއަހައި، އެ ރައްޔިތުން ބޭނުންވާ ކަންކަން ހާސިލުކޮށްދިނުމުގައި ކާމިޔާބު ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވުމަކީ، މިއީ ހަގީގަތުގައިވެސް ރައްޔިތުންގެ ސަރުކާރެއްކަން ވަރަށް ސާފުކޮށް ހާމަވެގެންދިޔަ ކަމެެއް.“ ފަހުމީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށާއި، ކުރެއްވުމަށް ރޭވިފައިވާ އެންމެހައި މަސައްކަތްތަކަށް ރައީސަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމުގައެވެ.
”އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދިވެހިރާއްޖެ ތަރައްގީގެ މަގުގައި ކުރިއަށް ގެންދިއުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި މާތްﷲ ބަރަކާތްލައްވައި، ކާމިޔާބު މިންވަރުކުރެއްވުން އެދި ދުއާ ދަންނަވަން.“ ފަހުމީގެ ޕޯސްޓުގައިވެއެވެ.
ރިޔާސީ ބަޔާނުގައި ވަރަށް އުއްމީދީ ވާހަކަފުޅުތަކެއް ހިއްސާ ކުރައްވައި، ބަޔާން ނިންމަވައިލައްވަމުން ރައީީސް ވިދާޅުވީ، ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން، އިއްޒަތްތެރި މަޖިލީހުގެ ރައީސާއި، އިއްޒަތްތެރި މެންބަރުންނަށް ދެއްވާނެ ޔަގީންކަމަކީ، މާތްﷲގެ އިރާދަފުޅާއެކު، ތެދުވެރިކަމާއި، އަމާނަތްތެރިކަމާއެކު، ރިޔާސީ ބަޔާނުގައި ބަޔާންކުރި ކަންކަން ތަންފީޒުކޮށް، ނަތީޖާ ނެރެދޭނެކަމުގެ ޔަގީންކަން ކަމުގައެވެ.

