މަސްވެރިންނަށް މި ސަރުކާރުން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭން ފެށުމުގެ ފައިދާ ފެންނާން ފަށާފައިވާ ކަމަށާއި، މަސް ދޯނިތައް މިހާރު މަހަށް ނުކުންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިރޭ ޕީއެސްއެމްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ރިޔާސީ ބަޔާނުގައި، ރައީސް ވަނީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، މަސްވެރިންނަށް ނުދީ ހުރި އެތައް މިލިއަން ރުފިޔާއެއް މި ސަރުކާރުން ދައްކާ ހަލާސްކުރިކަން ފާހަގަކުރައްވައިފައި ކަމަށެވެ.
އެގޮތުން 8 ބިލިއަން ރުފިޔާގެ ފައިސާ ޗާޕު ކުރިއިރު ވެސް ނުދައްކާ ހުރި ފައިސާ ދައްކާ ހަލާސްކުރީ މި ސަރުކާރުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ރައީސްގެ ވައުދުފުޅާ އެއްގޮތަށް 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޭން ފެށުމުން، މަސް ދޯނިތައް މަސް ބާނަން ނުކުންނަން ފަށައި، ޒުވާނުން ވެސް މަސްވެރިކަމަށް ނުކުންނަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ 99 އިންސައްތަ އަކީ ކަނޑު ކަމަށްވާއިރު، ކަނޑު ރޯދިން ނަފާ ހޯދުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމުގައެވެ.
އެގޮތުން އުމްރާނީ ގޮތުން މަސްވެރި ސިނާއަތަށް ކުރިއެރުން ގެނައުމާއެކު، މީހުން ބިނާ ކުރުމަށް ވެސް މުހިންމު ކަންތައްތައް ރާއްވަވައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

