އޯޓިޒަމްއާ ގުޅޭގޮތުން މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރަން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ އޯޓިޒަމް ކުދިންނަށް ”ޚާއްސަ ފަރުވާއެއް ދީގެން ރަނގަޅުކުރުމަށް“ ނުވަތަ އެ ކުދިންގެ ސިކުނޑި މަސައްކަތްކުރާގޮތް ތަފާތުވުމުގެ ސަބަބުން އުފެދޭ، ތަފާތު ވިސްނުމާ އުޅުން ބަދަލުކުރަންޖެހޭކަމަށް، އާންމު މުޖުތަމައު ދެކޭ ދެކުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ.

އެހެންކަމުން މިފަދަ ކުށް ހީތައް ފިލުވައިލެވޭތޯ ބުރަ މަސައްކަތްތަކެއް ކުރަންޖެހޭކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސްގެ އަނބިކަނބަލުން ވިދާޅުވީ ކުއްޖެއްގެ ކިބައިގައި ހުރި ތަފާތުކަމަކާއެކު އެކުއްޖަކު ބަލައިގަންނަން ޖެހޭކަމަށެވެ.

އަދި މިކަމުގައި މުޖްތަމަޢުގެ ހުރިހާ ގިންތިއަކުން އެކުދިންނަށް ލިބިދޭންޖެހޭ އެއްބާރުލުން ހޯދައިދީ، އަމިއްލަ ޙައްޤުތަކަށް ވަކާލާތުކުރުމުގެ ފުރުސަތު، އެކުދިންނަށް ލިބިދޭ ފަދަ މާޙައުލެއް ޤާއިމްކުކޮށްދީ، ތަހުޒީބު މުޖުތަމައުއަކަށް ދިވެހި މުޖްތަމަޢު ބަދަލުކުރުމަށްޓަކައި އޯޓިޒަމް ސެންޓަރުން ގިނަ މަސައްކަތްތަކެއް ކުރާކަން ޝުކުރުވެރިކަމާއެކު އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި މި ދާއިރާގެ ބޭރު ދުނިޔޭގެ ހާލަތަށް އަލިއަޅުވާލައްވައި އޯޓިޒަމްގެ އެކި މައްސަލަތަކާ އެކުވެސް ދިރިއުޅުން ކާމިޔާބު ކުރި އަދި މިހާރު ވެސް ދިރިއުޅުން ކާމިޔާބުކަމާއެކު ކުރިޔަށް ގެންދާ އެތައް ޝަޚްޞިއްޔަތެއް ފާހަގަކުރެވޭކަމުގައި ވިދާޅުވިއެވެ.

އެހެންކަމުން އެއްވެސް ކުއްޖެއްގެ ކިބައިން އޯޓިޒަމްގެ އަލާމާތެއް ފެނުމުން މާޔޫސްނުވުމަށް ބާރުއަޅުއްވައި އެ ކުއްޖާގެ ހުރި ޤާބިލުކަމެއް ދެނެގަނެ، އަދި އެ ރޮނގުން އޭނާއަށް ވީހާ ވެސް ގިނަ ފުރުޞަތުތަކެއް މަގުފަހިކޮށްދެއްވުމަށް އެކަމަނާ ބާރުއެޅުއްވިއެވެ.

 

ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މިސަރުކާރުގެ އިޖުތިމާޢީ ޢަދުލުގެ ސިޔާސަތުގެ ތެރެއިން އޯޓިޒަމް ކުދިންނަށް ވަރަށް އިސްކަންދެއްވާކަމުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ވަޒީފާގެ މާހައުލުން ވެސް މި ފަދަ ޙާލަތްތަކުގެ ކުދީންނަށް ޖާގަ ފަހިކޮށްދޭން ޖެހޭނެކަމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުން އެކަމަނާ ފާހަގަކުރެއްވިއެވެ.