އައިޖީއެމްއެޗްގެ އިމަޖެންސީގައި ފަރުވޭދެނިކޮށް ނުކުޅެދުންތެރިކަން ހުރި މީހަކު ނިޔާވި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުންގެ މިއަދު ބުނީ އެ މީހާ މަރުވީ އިއްޔެ ކަަމަށެވެ.

އަދި އައިޖީއެމްއެޗް އިން އެކަން ފުލުހުންނަށް ރިޕޯޓުކުރީ ރޭ ދަންވަރު 11:30 ހާއިރު ކަމަށެވެ.

އެ މީހާ ގެންދިޔައީ ތަނަކުން ވެއްޓި ލިބުނު އަނިޔާއަކާ ގުޅިގެން ނޫންކަން ފާހަގަކޮށް، ފުލުހުން ބުނީ  އޭނާ އަށް ފަރުވާ ދެމުން ދަނިކޮށް އެ މީހާ ކުއްލިއަކަށް ތެދުވެ ދުއްވައިގަންނަން އުޅެނިކޮށް ވެއްޓުނު ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދިން ކަމަށެވެ.

އަދި ފުލުހުން ބެލި ބެލުމުން، އެ މީހާ އަށް ފަރުވާ ދިނުމުގެ ތެރޭގައި ހުރި ނިޝާނެއް ފިޔަވައި، ހަށިގަނޑަށް ގެއްލުމެއް ލިބިފައި ހުރިކަމުގެ އެއްވެސް ކަމެއް ފެންނަން ނެތް ކަމަށް ވެސް މައުލޫމާތު ދިނެވެ.

އަދި އާއިލާގެ ފަރާތުން ތުހުމަތުތަކެއްކޮށް އެފަދަ ޝަކުވާއެއް ވެސް ފުލުހުންނާ ހިއްސާކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިފަދަ މައްސަލައެއް ހުށަހެޅުމުން އާންމު އުސޫލާ އެއްގޮތަށް އެ މީހާގެ ހަށިގަނޑުން ސާމްޕަލް ނެގި ކަމަށެވެ.