ދިވެހިރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ދަތި ހާލަތުގައި ވެސް، ފައިސާ ޗާޕު ނުކޮށް، ކުރިއަށް ވަޑައިގަންނަވާކަން ފާހަގަކުރައްވައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތަށް ތައުރީފު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި، އިއްޔެ ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާނާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ފައިސާ ޗާޕު ކުރުމަކީ ފަސޭހަ ގޮތަކަށް ވިޔަސް، ރައީސް މުއިއްޒު ސާބިތުކަމާއެކު ނިންމެވީ އެކަން ނުކުރެއްވުމަށް ކަމަށެވެ.

”ގައުމަށް މާދަމާ ވާނެ ގޮތްތަކެއް އެމަނިކުފާނަށް ވިސްނިވަޑައިގަންނަވާ، އަދި އެކަން އެގޮތަކަށް ނުކުރައްވާ، އިރާދަކުރެއްވިއްޔާ.“ ސަރުކާރުން ފައިސާ ޗާޕު ކުރަމުން ނުދާކަން ފާހަގަކުރައްވައި، ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރަށްވުރެ ރާއްޖޭގެ ފިސްކަލް ހާލަތު ރަނގަޅު ކުރެވިފައިވާ ކަމަށެވެ. އަދި މި ސަރުކާރަށް މިހައިތަނަށް ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީ އަކީ ގައުމު ނުދަރާ ސަލާމަތް ކުރެވުން ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.