އަމާޒަކީ މި އަހަރު ޑެފިސިޓް ބޮޑުތަނުން ކުޑަކޮށް، ސަރުކާރުން ނަގާ ދަރަނީގެ އަދަދު މަދުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ ރިޔާސީ ބަޔާާން އިއްވަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ މި އަހަރު އާމްދަނީ އިތުރުކޮށް، ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާއެކު ބަޖެޓް ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް ކުޑަކުރުން ކަމަށެވެ.

”މީގެ ކުރިން 2024 ވަނަ އަހަރު ބަޖެޓް ޑެފިސިޓް ހުރީ 13.6 ބިލިއަން ރުފިޔާގައި އަދި 2023 ވަނަ އަހަރު 10.7 ބިލިއަން ރުފިޔާގެ އަދަދަކުން ބަޖެޓް ޑެފިސިޓް ވެފައިވޭ.“ ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި އަމާޒު ހާސިލުކުރުމަށް ރޭވުންތެރިކަމާއެކު ސަރުކާރުން އަޅަމުންމިދާ ފިޔަވަޅުތަކާއެކު، ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށާއި، ތަރައްގީގެ މަޝްރޫޢުތަކުގެ ދުވެއްޔަށް، އެއްވެސް މަޑުޖެހުމެއް ނުގެނެސް، ފިސްކަލް ދެމެހެއްޓެނިވިކަން ހާސިލުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ރައީީސްގެ ވާހަކަފުޅުގައި އިގްތިސާދު ކުރިއަރައި، ދައުލަތުގެ އާމްދަނީ އިތުރުވަމުންދިޔަ ނަމަވެސް، މާލިއްޔާއަށް އަދިވެސް ބޮޑެތި ގޮންޖެހުންތައް އެބަހުރިކަމުގައި ވިދާޅުވިއެވެ.

ޒަމާންތަކެއް ވަންދެން، ލިބޭ އާމްދަނީއަށްވުރެ އިތުރަށް ދައުލަތުގެ ހަރަދުތައް މާބޮޑުކޮށް ހިންގުމަކީ ސަގާފަތެއް ކަމަށް ހަދައި، ނިޒާމީ ގޮތުން ތަރުތީބުކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެންނަން ބޭނުންވެލައްވާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މި ބޮޑު ގައުމީ އަދި މާލީ މައްސަލައަށް ހައްލު ހޯދަންޖެހޭ ކަމަށާއި، ދައުލަތުގެ މާލިއްޔާއިން ކުރަމުންދާ ހަރަދުތައް ހަމަމަގަށް އެޅުވުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެކަށައަޅައި، އެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރިޔަށް އެބަ ގެންދަވާ ކަމަށެވެ.