ޣައްޒާއިން އެ ސިޓީ ނިސްބަތްވާ ފަލަސްތީނުގެ ރައްޔިތުން ނެރުމަށް ކުރާ މަސައްކަތްތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ޔަހޫދީން ސުންނާފަތިކޮށްލާފައިވާ ޣައްޒާ އެމެރިކާގެ ބެލުމުގެ ދަށަށް ގެނެސް، ޣައްޒާ ހުސްކުރަން ޖެހޭ ކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ފަލަސްތީނުގެ ބިންތަކުގައި ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް އާބާދީތައް ގާއިމުކުރުމާއި ފަލަސްތީނުގެ ބިންތައް ހިފުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ބައިނަލްއަގުވާމީ ގާނޫނާއި އދ.ގެ ގަރާރުތަކާ އެއްގޮތަށް، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައި އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށްކަމުގައި ކަނޑައެޅުމަށް އެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.

ފޮރިން މިނިސްޓްރީން މިފަދަ ބަޔާނެއް ނެރުނުއިރު، އިއްޔެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ފަލަސްތީނުގެ ރައްޔިތުން ޣައްޒާ އިން ބޭރު ކުރުމަށް، އެއްވެސް ފަރާތަކުން ކުރާ އެއްވެސް ކަމަކަށް ރާއްޖެއިން ދުވަހަކުވެސް ތާއީދު ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

އަދި ޣައްޒާ އަކީ ފަލަސްތީނުގެ މިލްކެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.