ހދ. މަކުނުދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މި ޔަގީންކަން ދެއްވީ، މަކުނުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
އެއާޕޯޓު އަޅަން ހިއްކި ބިމުގެ ޝޯ ޕްރޮޓެކްޝަން މަސައްކަތް ނިމުމުން، އެއާޕޯޓު އަޅާނެ ބަޔަކު ހޯދަން އިއުލާނު ކުރާނެ ކަމަށާއި ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ނުވަތަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) މެދުވެރިކޮށް ނަމަވެސް، އެއާޕޯޓުގެ އަމަލީ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މަކުނުދޫގެ އެއާޕޯޓަކީ އެ ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށާއި، ކަނޑު ގަދަ ދުވަސް ދުވަހު ކުޅުދުއްފުށިން އެ ރަށަށް އައުމަކީ ދަތިކަމެއް ކަމަށް ވެސް މުއްތަލިބް ވިދާޅުވިއެވެ.
މަކުނުދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރީ ސަރުކާރުން ހަވާލުކޮށްފައިވަނީ ބިގް ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

