މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ފުވައްމުލަކުގެ ސިޓީގައި ހަރަކާތްތެރި ވަމުންދިޔަ ޑްރަގު ނެޓްވޯކްތައް ނައްތާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މި އަހަރުގެ ރިޔާސީ ބަޔާނާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން، ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާ ފުހެލުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

އެގޮތުން ބޮޑު އާބާދީއެއް އޮންނަ ފުވައްމުލަކުގެ ޑްރަގް ނެޓްވޯކްތައް ނައްތާލެވިފައިވާ ކަމަށާއި، އެ ސިޓީގެ ޑްރަގު ކެފޭތައް ހަދައިގެން ހިންގަމުން ދިޔަ މީހުންގެ މަސައްކަތް ހުއްޓުވިފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

އަދި ޑްރަގް ކެފޭތައް ހިންގަންް އިސްކޮށް ތިބި މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

”އެންމެ އިސްކޮށް ތިބި މީހުން މަނީ ލޯންޑްރިންގެ ކުށުގައި ހައްޔަރުކޮށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު މިހާރު އެ ދަނީ ދެމުން،“ އިހުސާން ވިދާޅުވިއެވެ.

ފުވައްމުލަކުގައި ފުލުހުން ހިންގި މި އޮޕަރޭޝަނުގައި 4،048 އަށް ހޮޓްސްޕޮޓު ބަލައި، 1،147 މީހަކާ ސުވާލު ކޮށްފައިވެއެވެ.