ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ބަލައިގަނެ، އެމްޑީޕީއަށް ނޫނެކޭ ބުނާކަމީ މިއަދުގެ ހަގީގަތް ކަމަށާއި، މިއީ ރައްޔިތުންގެ އިތުބާރު ހޯދައިގެން ނެރެވޭނެ ނަތީޖާއެއް ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޝަކީލް މިހެން ވިދާޅުވީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެމްބަރުން ހޮވުމަށް އިއްޔެ ބާއްވަން ކަނޑައެޅި ބައި އިލެކްޝަންގެ 37 ގޮނޑީގެ ތެރެއިން 33 ގޮނޑި ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކުރުމާ ގުޅިގެން، ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އޭނާ ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަން ރައްޔިތުން ބަލައިގަނެ ތަކުރާރުކޮށް އެމްޑީޕީއަށް ބޮޑުތަނުން ނޫނެކޭ ބުނަމުން ދާކަމީ މިއަދުގެ ހަގީގަތް ކަމަށެވެ.
އަދި މިއީ މެންބަރޝިޕް ފޯމަކުން ނުކުތް ނަތީޖާއެއް ނޫން ކަމަށާއި، މިއީ ރައްޔިތުންގެ އިތުބާރާއި ލޯބި ހޯދައިގެން ނެރެވޭނެ ނަތީޖާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ ދިވެހި ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވައި، ޕީއެންސީގެ މެމްބަރުންނަށާއި ރައީސް މުއިއްޒު އަށް މަރުހަބާ ވިދާޅުވެފައެވެ.
ބައި-އިލެކްޝަންތައް ކާމިޔާބު ކުރި ކެންޑިޑޭޓުންނަށާއި، ވޯޓު ދިން ރައްޔިތުންނަށް ރައީސް މުއިއްޒު ވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.
ހިއްސާ ކުރެއްވި ޕޯސްޓުގައިވަނީ މިއަދު ބާއްވަން ކަނޑައެޅި ބައި އިލެކްޝަންގެ ގޮނޑިތައް ޕީއެންސީން ލިބުނުގޮތުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.
އިއްޔެ ބާއްވަން ކަނޑައެޅި ބައި އިލެކްޝަންގެ 37 ގޮނޑީގެ ތެރެއިން އިންތިހާބަކާ ނުލައި 24 ގޮނޑި އަދި އިންތިހާބުގައި ވާދަކޮށްގެން ކާމިޔާބު ކުރި 9 ގޮނޑިއާއެކު ޕީއެންސީއަށް ޖުމްލަ 33 ގޮނޑި ލިބިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
އަދި އިއްޔެ ބޭއްވި ބައި އިލެކްޝަންގައި އަތޮޅު ކައުންސިލް ރައީސް ކަމުގެ 1 ގޮނޑިއާއި ރަށު ކައުންސިލް ރައީސްކަމުގެ 1 ގޮނޑިއާއި ރަށު ކައުންސިލް މެމްބަރުކަމުގެ 2 ގޮނޑިއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 29 ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

