ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ”ވޯލްޑް ގަވަމަންޓް ސަމިޓް 2025″ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފިއެވެ.

ޔޫއޭއީގައި މި މަހުގެ 11 އިން 13އަށް ބާއްވަން ހަމަޖެހިފައިވާ މި ސަމިޓް ޝިޢާރަކަށް ކަނޑައަޅާފައި ވަނީ، ”ޝޭޕިންގ ފިއުޗަރ ގަވަމަންޓްސް“އެވެ.

މި ސަމިޓްގެ މަގުސަދަކީ ސަރަޙައްދުގެ ގައުމުތަކާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކާއި، ވަކި ވަކި ފަރުދުންގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުތައް ހޯދުމެވެ.

މި ސަމިޓްގެ މޫސުމީ ބަދަލުތަކާއި ބެހޭ ފޯރަމްގައި ނައިބު ރައީސް ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި، އެމަނިކުފާނު ސަމިޓްގެ ބައެއް ބައިވެރިންނާއެކު ބައްދަލުވުންތައް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

”ވޯލްޑް ގަވަމަންޓް ސަމިޓް 2024“ ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެން، ރާއްޖޭގެ ކުރިމަގުގެ ތަސައްވުރާއި، އެ ތަސައްވުރުގައި ދެމެހެއްޓެނިވި ތަރައްގީގެ ދައުރާއި ބެހޭގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.