ސަރުކާރުން ހުޅުމާލޭގައި އަޅަން ނިންމާފައިވާ ކަންނެލި ޕެކިން ފެސިލިޓީގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ފެށޭނެކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވަނީ ހުޅުމާލޭގައި އަޅަން ނިންމާފައިވާ ކަންނެލި ޕެކިން ފެސިލިޓީއާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރާ ސުވާލު ކުރެއްވުމުންނެވެ.

ޝިޔާމް ވިދާޅުވީ، އެ ފެސިލިޓީއަށް ބޭނުންވާ ފައިސާ މިހާރު އިސްލާމިކް ޑެވެލޮޕްމަންޓް ބޭންކް، އައިއެސްޑީބީން ހަމަޖެހިފައިވާކަމަށެވެ.

އަދި ކުރިއަށްއޮތް ދެ މަސްދުވަހުގެ ތެރޭގައި ފެސިލިޓީ އަޅާނެބަޔަކު ހޯދުމަށް އިއުލާންކުރައްވާނެކަމަށާއި، މިއަހަރުގެ މެދުތެރޭގައި ފެސިލިޓީގެ މަސައްކަތް ފެށިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”މިއީ އެހާ ބޮޑު ފެސިލިޓީއަކަށް ނުވާތީވެ އަޅުގަނޑުމެން މި އަންދާޒާކުރަނީ މިއަންނަ އަހަރުގެ މެދުތެރެއަށް މި މަސައްކަތް ނިންމާލެވޭނެކަމަށް. އެހިސާބުން ފެށިގެން އިރާދަކުރެއްވިއްޔާ ކަންނެލި މަސްވެރިންނަށް މިއޮތް ގޮންޖެހުމަށް ވަރަށް ބޮޑު ހައްލެއް މި ލިބިގެންދިޔައީ“ މިނިސްޓަރު ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ އޮތީ މައިގަނޑު ދެ ކަނބޮޑުވުމެއްކަމަށެވެ.

އެއީ ތެޔޮ އެސްޓީއޯގެ ރޭޓުން ތެޔޮ ނުލިބޭ ނުލިބުމާއި، ޕެކް ކުރާނެ ފެސިލިޓީއެއް ނެތުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެސްޓީއޯގެ ރޭޓުން ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކަށް ތެޔޮ ލިބޭނެގޮތް ހަމަޖައްސަވައިދެއްވައި އެ ކަންބޮޑުވުމަށް ނިމުމެއް ގެނެސްދެއްވާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.