ރައްޔިތުންގެ މަޖިލީހުގެ ވަސީލަތްތައް ޑިޖިޓަލައިޒް ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ، ލޮކް ސަބާގެ ރައީސް، ޝްރީ އޯމް ބިރްލާ ވިދާޅުވެއްޖެއެވެ.

އޭނާ މިގޮތަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ލޮކް ސަބާގެ ރައީސްއާ ބައްދަލުކުރައްވައި ކުރެވުނު މަޝްވަރާގެ ތެރެއިންނެވެ.

މަޖިލީހުގެ ވަސީލަތްތައް ޑިޖިޓަލައިޒް ކުރުމުގައި އިންޑިއާގެ ރައްޔިތުންގެ މަޖިލީހުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވާނެ ޅކަމުގެ ޔަގީންކަން ލޮކް ސަބާގެ ރައީސް ވަނީ ދެއްވައިފައެވެ.

އަދި ރާއްޖޭގެ ރައްޔިތުންގެ ހަދާ މަޖިލީހުގެ އޮފިސަރުން ތަމްރީނުކުރުމަށް ވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އަބްދުއްރަހީމް ވަނީ އިންޑިޔާގެ ގާނޫނު ހަދާ މަޖިލީހުގައި ޓެކްނޮލޮޖީ އާއި ޑިޖިޓަލައިޒޭޝަން އަދި އޭއައި ބޭނުންކުރަމުންދާ ގޮތަށް ތައުރީފު ކުރައްވައިފައެވެ.

އަބްދުއްރަހީމްގެ އިންޑިއާ ދަތުރުފުޅުގައި ލޮކް ސަބާގެ ރައީސްގެ އިތުރުން، އިންޑިޔާގެ ނައިބު ރައީސް އަދި ރާޖްޔަ ސަބާގެ ޗެއާމަންއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.