ދިވެހި ސަރުކާރާއި ޔޫއޭއީ ސަރުކާރާ ދެމެދު ވެފައި އޮތް ގަވަރުމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަންގެ ދާއިރާއިން ތަޖުރިބާ ހިއްސާކުރުމުގެ އެއްބަސްވުން އާކޮށްފިއެވެ.
މި އެއްބަސްވުން އާކުރުމުގެ ގޮތުން ސޮއި ކުރުން އޮތީ ވާލްޑް ގަވަރުމަންޓްސް ސަމިޓް 2025ގެ ހަވާސާ ގައެވެ.
ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުالله ފަޔާޒުއެވެ.
ޔޫއޭއީގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޑެޕިއުޓީ މިނިސްޓާ އޮފް ކެބިނެޓް އެފެއާޒް ފޯ ކޮމްޕެޓިޓިވްނަސް އެންޑް ނޮލެޖް އެކްސްޗޭންޖް އަބްދުﷲ ނަސީރު ލޫތާއެވެ.
މި އެއްބަސްވުމުގެ މަގުސަދަކީ ޔޫއޭއީގެ ގަވަރުމަންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް (ޖީއީއީޕީ)ގެ ދަށުން ޔޫއޭއީގެ ތަޖުރިބާ ބަދަލުކޮށް ހިއްސާކުރުމުގެ ތެރެއިން ދިވެހި ސަރުކާރުގެ މަސައްކަތުގެ ނިޒާމާއި ތަޖުރިބާތަކުގެ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި އެއްބަސްވުމުގެ ދަށުން ގަވަރުމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަންގެ ދާއިރާއިން ހިންގޭ ޕްރޮގްރާމްތަކުގައި ދިވެހި ސަރުކާރުގެ އޮފިޝަލުން ބައިވެރިކުރުމަށް ފުރުސަތު ފަހިކޮށްދޭނެއެވެ.
ދެ ގައުމުގެ މެދުގައި ވެފައިވާ މި އެއްބަސްވުމުގެ ދަށުން ވޭތުވެދިޔަ ތިން އަހަރުވެސް ރާއްޖެއިން ވަނީ ޔޫއޭއީ ސަރުކާރުގެ ޖީއީއީޕީގައި ބައިވެރިވެފައެވެ.

