މިދިޔަ ޖެނުއަރީ މަހު ދައުލަތަށް ލިބުނު އާމްދަނީގެ ގޮތުގައި، ދައުލަތުގެ ޓެކްސް އިދާރާ، މީރާއަށް 3.34 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.
މީރާ އިން ބުނީ، މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 7.7 އިންސައްތަ ދަށް އަދަދެކެވެ.
އަދި ޖެނުއަރީ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 5 އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ ޖެނުއަރީގައި ލިބުނު އާމްދަނީއާ އަޅައި ބަލާއިރު، މިއަހަރުގެ ޖެނުއަރީގައި ލިބިފައިވާ އާމްދަނީ މަދުވުމުގެ މައިގަނޑު އެއް ސަބަބަކީ ކުންފުނިތަކާއި ފަރުދުން ނޫން އެހެން ފަރާތްތަކުގެ އާމްދަނީން ޓެކްސް ނެގުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކުރުމުން ކަމަށް މީރާ އިން ބުނެއެވެ.
އެހެންނަމަވެސް މި މުއްދަތުގައި ޖީއެސްޓީގެ އާމްދަނީ އިތުރުވެފައިވުމާއި 1 ޑިސެންބަރު 2024 ފެށިގެން އެއާޕޯޓު ޓެކުހާއި ފީގެ ރޭޓު އިތުރުވުމާއި ގުޅިގެން، މިދިޔަ މަހު އެ ޓެކްސްތަކުން ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން ހާމަކުރެއެވެ.
މިދިޔަ މަހު އަންދާޒާކޮށްފައިވާ އާމްދަނީއަށް ވުރެ 5 އިންސައްތަ އިތުރުވެފައިވާ މައިގަނޑު އެއް ސަބަބަކީ ގްރީން ޓެކުހާއި، ވޯކް ޕާމިޓް ފީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އަދި ކޯޕަރޭޓް އިންކަމް ޓެކުހުން އާމްދަނީ އިތުރުވުން ކަމަށް މީރާ އިން ބުނެއެވެ.
އަދި އިންކަމް ޓެކްސް ދެއްކުމުގެ ސުންގަޑީގެ މުއްދަތު އިތުރުކުރި ނަމަވެސް، ޖީއެސްޓީ އާއި ކޯޕަރޭޓް އިންކަމް ޓެކްސް ސުންގަޑީގެ ކުރިން ދައްކާފައިވުމަކީ، މި މުއްދަތުގައި ލިބިފައިވާ އާމްދަނީ އިތުރުވި ސަބަބެއް ކަމަށްވެސް މީރާއިން މައުލޫމާތުދެއެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީގެ ގޮތުގައި ލިބުނު 1.59 ބިލިއަން ރުފިޔާއެވެ.
ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެއީ 1.19 ބިލިއަން ރުފިޔާއެވެ.

