ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރު ކިޔާ ބިދޭސީ މީހާއާ އެކީގައި އެއްޖިންސުން ގުޅުން ހިންގި ގިނަ ބައެއްގެ ތެރޭގައި ހިމެނޭ ފުލުސް އޮފިސަރު، އަބްދުއްރަހްމާން ރަފީއު (ދޮންދިގު) އަށް އިއްވި ހުކުމް ދައުލަތުން އިސްތިއުނާފް ކުރަން ނިންމި ނިންމުމަށް ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރު ފާޑުވިދާޅުވެއްޖެއެވެ.

Ads by Asuru

މިކަމާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އާޒިމާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ފަހު ތާރީހެއްގައި އަލަށް ހުކުމެއް ބޮޑުވެގެން ދައުލަތުން އިސްތިއުނާފް ކުރަނީ ކަމަށެވެ. އަދި އެއީ ވެސް އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުން ސާބިތުވި މީހެއްގެ ހުކުމެއް ކަމަށާއި، މިއީ ޒުވާން ޖީލަށް ދެވޭ ނުބައި މެސެޖެއް ކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވަނީ ޖިންސީ ގޯނާގެ ތުހުމަތުތަކެއް އޮތް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއާ މެދު ދައުލަތުން އަމަލުކުރި ގޮތުގެ ހަނދާން އާކުރައްވަމުން ދައުލަތުން ހިންގަމުން ދަނީ ލަދުވެތި އަމަލުތަކެއް ކަމަށް ވިދާޅުވެފައެވެ.

އެއްޖިންސުންް ގުޅުން ހިންގި މައްސަލާގައި ދޮންދިގަށް ޖަލު ހުކުމެއް އައި އިރު، އަލަމްގީރާ ގުޅުން ހިންގި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ތިން މަހާއި 26 ދުވަހަށް ގޭބަންދުކުރަން ހުކުމްކުރީ މި މަހުގެ 15 ގައެވެ.

އަލަމްގީރާ ގުޅުން ހިންގި މައްސަލާގައި ދެން ދައުވާކޮށްފައި ވަނީ މުހައްމަދު ނަޝީދު (ކާނަލް) ގެ މައްޗަށެވެ.

ޕީޖީ އޮފީހުން ބުނީ އެ ހުކުމް އިސްތިއުނާފް ކުރަން ނިންމީ އަދަބު ކަނޑައެޅި ގޮތާމެދު ހިތްހަމަ ނުޖެހޭތީ ކަމަށެވެ.