މީސްމީޑިގާއި މިހާރު އެންމެ ބޮޑަށް ޓްރެންޑް ވެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރޯދަ ހަދިޔާގެ ގޮތުގައި ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ހަދިޔާ ކުރައްވަވާ މަސްދަޅު ކޭހުގެ ވާހަކައެވެ.

ރަމަޟާން މަހު ކޮންމެ ގެއެއްގައި ވެސް އެންމެ ގިނައިން ބޭނުން ކުރާ އެއްޗަކަށް މަސްދަޅުވާނެކަން ޔަގީނެވެ. ގިނަ ވާނީ، ރޯދަ މަހަށް ހާއްސަކޮށް މަސްދަޅު ކޭސް ގަންނަ ގޭބިސީތަކެވެ. އެހެންވެ، ސަރުކާރުން މި ފަހަރު ދެއްވާ ރޯދަ ހަދިޔާ، ރައްޔިތުންނަށް ވަރަށް ހާއްސައެވެ.

މިހައި ރަނގަޅު ރޯދަ ހަދިޔާއެއް މީގެ ކުރިން އެއްވެސް ވެރިޔަކު ދެއްވައިފައިނުވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ، މިކަމާމެދު ވެސް ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

މިދިޔަ އަހަރުވެސް ރައީީސް މުއިއްޒުގެ ސަރުކާރުން ރޯދަ ހަދިޔާ ދިނެވެ. އެއީ ކޮންމެ ގޭބިސީއަކަށް 10 ކިލޯ ފުށާއި، 10 ކިލޯ ބާސްމަތީ ހަނޑުލެވެ. އޭރު ވެސް އިދިކޮޅުން، މިހާރެކޭ އެއްގޮތަށް ސަރުކާރަށް ނުރުހުމުގެ ބަސްތައް ރައްދު ކުރަމުންދިޔައެވެ.

މިފަހަރު ސަރުކާރުން ބަހާ މަސްދަޅުތަކުގައި ޕުލްޓެބެއް ނެތް ކަމަށް  އެއްބަޔަކު ބުނާއިރު، ބަހަނީ ”ކޮލިޓީ ދަށް“ ސައިޒުން ކުޑަ މަސްދަޅުތަކެއް ކަމަށް ތުހުމަތު ކުރާ މީހުން ވެސް އުޅެއެވެ.

އަދި މަސްދަޅުތަކުގެ ބޭރުގައި ”ރަމަޟާން މުބާރިކް“ ލޭބަލް ހުރުން ވެސް ފާޑުކިޔާ މީހުންނަށް ކަމަކު ނުދިޔައެވެ.

އެކަން ސިފަކުރީ، އުކާލަން ޖެހޭ އެއްޗެއްގައި ”ޤުރުއާން“ ލިޔުމުގެ ގޮތުގައެވެ. އެހެންނަމަވެސް، އަރަބި ބަހުން ”ރަމަޟާން މުބާރިކް“ ޖެހުމަކީ ޤުރުއާން ލިޔުން ނޫންކަން ފާހަގަކޮށްލަން ޖެހެއެވެ.

މީހަކު އޭނާއަށް ލިބުނު މަސްދަޅު ދައްކައިލަން ކުރި ޕޯސްޓެއް

ި

ކޮންމެއަކަސް، ނުރުހުމުގެ ލޮލަށް މުޅިންވެސް ފެންނާނީ އައިބުކަމަށް ބުނެއުޅޭ ވާހަކައިގެ ތެދުކަން މިކަމުން ވެސް ހާމަވެގެން ގޮސްފިއެވެ.

އާއްމު ރައްއްޔިތުން ބޭނުންވިޔަސް، އިދިކޮޅު ފަރާތްތަކަށް ސަރުކާރުން މަސްދަޅު ބަހަން އުޅުން އެއްގޮތަކަށް ވެސް ބަލައެއް ނުގަނެވުނެވެ.

އެބައިމީހުން މިކަން ސިފަ ކުރަނީ، ރައްޔިތުން ”ސަލާން ޖަހުވަން“ ނެރުންފަދަ ކަމެއްގެ ގޮތުގައެވެ.

ނަމަވެސް އާދައިގެ ދިރިއުޅުމެއް އުޅެމުންދާ ވަރަށް ގިނަ ރައްޔިތުން ތިބީ ރޯދަ ހަދިޔާއާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ސަރުކާރާމެދު ނުރުހިގެން، ރޯދަ ހަދިޔާ ބޭނުން ނުވާނަމަ، އެ ދޭން ބުނާ މީހުން ވެސް މަދެއް ނޫނެވެ.

 

ބަޔަކު ފާޑުކިޔެއްކަމަކު، މިކަން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ރައްޔިތުން ވެސް މަދެއް ނޫނެވެ.

”މީ ވަރަށް ރަނގަޅު ހަދިޔާއެއް ހަމަ. ރޯދަ މަހު އެންމެ ގިނައިން ބޭނުންކުރަންޖެހޭ އެކައްޗަކީ މަސްދަޅު.“ މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.

”ހަގީގަތުގައި ވެސް، ރައްޔިތުން އެބަޖެހޭ ޝުކުރުވެރިވާން ދަސް ކުރަން. ރަނގަޅު ކަމެއް ކޮށްދެންޏާ އެކަމެއް ބަލައިގަންނަން ޖެހޭ.“ އިތުރު މީހަކު ބުންޏެވެ.

 

 

ރަމަޟާން މަހަށް ޚާއްސަކޮށްގެން ސަރުކާރުން ކޮންމެ ގޭބީސީއަކަށް ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސް ބެހުމުގެ ތައްޔާރީތައް އެސްޓީއޯއިން ވަނީ ކުރިއަށްގެންގޮސްފައެވެ.

ގޭބިސީތަކަށް ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭހުގައި ހިމެނެނީ 180 ގްރާމުގެ ތެޔޮމަހުގެ (ޗަންކްސް އިން އޮއިލް) 48 ދަޅެވެ.

މާލެ ސަރަހައްދުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.

މާލޭގައި މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވަނީ މިފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށެވެ. އެއީ މެންދުރުފަހު 2:30 އިން ހަވީރު 6:00 އާ ހަމައަށް އަދި ރޭގަނޑު 8:30 އިން 11:00 އާ ހަމައަށެވެ.

މި ތާރީހުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެކަން ކުރިއާލާ އަންގާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މަސްދަޅުތައް ދޫކުރާނީ ކަރަންޓު މީޓަރު ނަމްބަރާއި، ހޯދަން އަންނަ ފަރާތުގެ މައުލޫމާތު ނެގުމަށް ފަހުގައެވެ.