އައިޖީއެމްއެޗު ކައިރީގައި މީހަކު ހުއްޓާ، އޭނާގެ ބޮލުގައި މަރުތޭލަކުން ޖަހައި ޒަހަމްކޮށްލުމަށް ފަހު، ފިލަން މެލޭޝިއާއަށް ދިޔަ މީހާ މިއަދު ރާއްޖެ ގެނެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލަކު، ދިގުވާނޑު. ބަނަފްސާގެ، ހުސައިން އަރީޝް 31އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މާލޭގައި މިހާރު ހިނގަމުންދާ މާރާމާރީ ތަކުގެ ތުހުމަތުކުރެވޭ އަދި ނުރައްކާތެރި ކުށްތަކަށް އަރައިގަތުމައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ 31 އަހަރުގެ ދިވެހި ފިރިހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވަނިކޮށް މެލޭޝިއާއަށް ދިއުމުން އެ ގައުމުން އޭނާ ހުއްޓުވައި އެހެން ފްލައިޓެއްގައި ރާއްޖެ ގެނެސްގެން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި އަރީޝަކީ، ޑްރަގާއި އަނިޔާއެއް ދިނުމާއި ތޫނު ހަތިޔާރު ގެންގުޅުމުގެ 28 ކުށުގެ ރެކޯޑް އޮތް މީހެކެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.