މޫސުމީ ކާރިސާތަކަކީ ސިޔާސީ މަޝްވަރާތަކަށް އިންތިޒާރުކޮށް، މަޑުކުރާނެ ކަމެއް ނޫންކަމަށާއި، ތޫފާނީ ބާރު ގަދަވުމަކީ އިޤްތިޞާދީ އޮއިވަރާ ގުޅިފައި އޮތް ކަމަކަމަށް ނުވާ ފަދައިން، ފިނިހޫނުމިން މަތިވުމަކީ ސަރަޙައްދީ އިމަކަށް ބަލައިގެން މެދުވެރިވާ ކަމެއް ނޫން ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި މިހާރު ކުރިއަށްދާ ”ވޯލްޑް ގަވަމަންޓްސް ސަމިޓް 2025″ގެ ހަވާސާގައި ކުރިއަށްދިޔަ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭ ފޯރަމްގައި ތަގުރީރު ކުރައްވަމުންނެވެ.

މި ފޯރަމްގައި ނައިބު ރައީީސް ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމަށާއި، ކާރިސާތައް މެނޭޖްކުރުމަށްޓަކައި، ޙަރަކާތްތެރި ލީޑަރޝިޕެއް ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

އަދި ބޮޑެތި އިގްތިސާދުތަކުން ވެފައިވާ މޫސުމީ ބަދަލުތަކުގެ ވައުދުތަކަށް އިހްތިރާމްކޮށް، އެ ގައުމުތަކުގެ އަމަލުތައް އެއްގޮތް ކުރަން ޖެހޭކަން ފާހަގަކުރައްވައި، ދުނިޔޭގެ ހަމަޖެހުން ބަރޯސާވަނީ ފަރުދީ އަމަލުތަކުގެ މައްޗަށް ނޫންކަމާއި، އިތުބާރުގެ މައްޗަށްކަން ގަބޫލުކުރަން ޖެހޭކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީީސް ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ، ސަރުކާރުގެ ކޮންމެ ނިންމުމެއްގެ މައިގަނޑު އަސާސަކަށް ވާންޖެހޭކަމުގައި ވިދާޅުވިއެވެ.

އިޖުތިމާއީ، އިގްތިސާދީ އަދި މާލީ ގޮތުން ކަމުގައި ވިޔަސް، ކޮންމެ ނިންމުމެއް ނިންމުމުގެ ކުރިން، މޫސުމާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަކީ ކޮބައިކަން ފުރަތަމަ ސުވާލު ކުރަން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އަދި ބައިނަލްއަގުވާމީ މުޖުތަމަޢަށް ގޮވާލެއްވީ ހަމައެކަނި ވައުދުތަކަކަށް ނޫން ކަމަށާއި، ފިޔަވަޅު އެޅުންވެސް އެގޮވާލެއްވުމުގައި ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން، ހަމަ އެކަނި ވަޢުދުތަކެއް ވުމުގެ ބަދަލުގައި، ޢަމަލީ ގޮތުން ފިޔަވަޅުތަކެއް އެޅުމަށްވެސް ނައިބު ރައީީސް ވަނީ ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލައްވާފައެވެ.

ނައިބު ރައީސްގެ ތަގުރީރުގައި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން މި ފަހަކަށް އައިސް ދިވެހި ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

އަދި މިކަންކަމަށް ޙައްލުހޯދައި، ކާރިސީ ހިރާސްތައް ކުޑަކުރުމަކީ މިހާރުން މިހާރަށްވެސް އިސްކަންދޭ ކަމެއް ކަމަށާއި، ދިވެހި ރައްޔިތުން ގެންދަވަނީ މި ރޮނގުން ވަރަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ކަމުގައިވެސް ނައިބު ރައީީސްގެ ތަގުރީރުގައި ފާހަގަކުރެއްވިއެވެ.

ކޮޕް-28 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވި ބޮޑު އަމާޒު، ނުވަތަ 2028 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިން ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އުފެއްދުމަށް ދިވެހި ރާއްޖެއިން ހިފާފައި އޮތް ވަރުގަދަ އަމާޒުގެ މައްޗަށްވެސް ނައިބު ރައީީސް އަލިއަޅުއްވާލެއްވިއެވެ.

އަދި 2024 އިން 2033 އަށް ކަނޑައަޅާފައިވާ ހަކަތައިގެ މަގުޗާޓު ފަދަ މަޝްރޫއުތައް ފުރިހަމަވެ، ދިވެހިރާއްޖެ އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރާ މި ދަތުރުގެ ސަބަބުން ފޮސިލް ފިއުލަށް ބަރޯސާވުން ކުޑަވެ، ހަކަތައިގެ ރައްކާތެރިކަން އިތުރުވެފައިވާ ކަމުގައި ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މި ފޯރަމްގައި ނައިބު ރައީސްގެ އަރިހުގައި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް، ހަރ އެކްސެލެންސީ އަމްނާ އަލް ދަހަކް އާއި ރިޕަބްލިކް އޮފް މަޑަގަސްކަރގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ހިޒް އެކްސެލެންސީ މެކްސް އެންޑޯނިރީނާ ފޮންޓެއިން ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް މި ފޯރަމްގައި ބައިވެރިވެވަޑައިގެންނެވިއެވެ.