ރަސްފަންނާއި ސަލްޓަން ޕާކުގެ ރީތިކަމާއި އާރޯކަން އަލުން އަނބުރާ ހޯދުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ރަސްފަންނާއި ސަލްޓަންޕާކްގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށެވެ.

”ދެ ތަންވެސް ދަނީ ވީރާނާވަމުން. މި ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން. މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސަައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މައުލޫމާތަށްޓަކައި ދަންނަވަން.“ އެމަނިކުފާނު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ޕާކުތައް ބެލެހެއްޓުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެކެވެ.

ރައީސް މުއިއްޒު މާލޭ މޭޔަރުކަމުގައި ހުންނެވިއިރު، ޕާކުތައް މަރާމާތުކޮށް ބެލެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ސިޓީ ކައުންސިލުން ކުރިއެވެ.

ރަސްފަންނާއި ސަލްޓަން ޕާކު ތަރައްގީ ކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އޭރުގެ ހައުސިން މިނިސްޓަރު ރައީސް މުއިއްޒުގެ ދައުރުގައެވެ.