ގއ.ކަނޑުހުޅުދޫގައި އުމުރުން އެންމެ ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ޖަލަށްލި، އެ ކުއްޖާގެ ދެ ކާފަގެ ތެރެއިން، ދެ ވަނަ ކާފަ ވެސް ޖަލުގައި މަރުވެއްޖެއެވެ.
މި މައްސަލައިގައި 2022 ވަނަ އަހަރުގައި އުމުރަށް ޖަލަށްލާން ހުކުމް އިއްވީ ކަނޑުހުޅުދޫ އަންނާރުމާގޭ ހަސަން މޫސާ ދީދީ (85 އ) އާއި ހަމަ އެ ރަށު، ރިވެލި ގޭގެ އިބްރާހީމް ދީދީ( 67 އ) އެވެ.
އިބްރާހީމް ދީދީ މަރުވީ ރޭ ދަންވަރު އޭނާ ވެއްޓުމުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން އޭނާ އަށް އަވަސް ފަރުވާ ވެސް ދީފައިވަނިކޮށެވެ.
ހަރަކާތެއް ނެތުމުން، އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ވެސް ގެންދިޔައެވެ. އެ ތަނުން ރޭ 2:40ގައި ނިންމީ، އޭނާ މަރުވެފައިވާ ކަމަށެވެ.
އިބްރާހީމް ދީދީ އަކީ ހައި ބްލަޑް ޕްރެޝަރ، ކޮލެސްޓްރޯލް އަދި ޓްރެމާސް ފަދަ ބަލިތަކަށް ފަރުވާ ކުރަމުންދިޔަ މީހެއް ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.
ކަރެކްޝަންސް އިން ވަނީ، އޭނާ މަރުވިކަން، އާއިލައަށާއި، ފުލުހުންނަށާއި، އެޗްއާރްސީއެމް އަދި އެންއައިސީ އަށް ވެސް އަންގައިފައެވެ.
ޖިންސީ ގޯނާގެ ޝިކާރައަކަށްވި އުމުރުން ދެ އަހަރުގެ އަންހެން ކުއްޖާގެ މުނިކާފަ ހަސަން ދީދީ ވެސް ވަނީ 2023 ވަނަ އަހަރުގައި ޖަލުގައި މަރުވެފައެވެ.

