ސަރުކާރުގެ މިނިސްޓްރީތަކުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މައުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދިނުމަށް ބާއްވާ ”އަހާ“ ފޯރަމް މިރޭ އޮންނާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ފޯރަމް އޮންނާނީ މިރޭ 21:00 ގައެވެ.

ކުރިން ބާއްވާ ފޯރަމްތަކާ އެއްގޮތަށް މިރޭގެ ފޯރަމްގައިވެސް ފަސް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިރޭގެ ފޯރަމްގައި، ސޯޝަލް މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި، ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާއި، އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދާއި، އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދާއި، ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

 

ދެ ގަޑިއިރަށް ކުރިއަށްގެންދާ މި ފޯރަމަކީ، މި ސިލްސިލާގެ ހަތަރު ވަނަ ފޯރަމްއެވެ.

މި ފޯރަމުގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުޞަތު އާންމުންނަށް ވަނީ ހުޅުވައިލައިފައެވެ.

އެގޮތުން ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމާއި، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑީއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އަދި، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް މިރޭގެ ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާ ވަޒީރުންނާ ސުވާލުކުރެވޭނެއެވެ.

މި ފޯރަމަށް ސުވާލުފޮނުވުމަށް އެސް.އެމް.އެސް ކުރައްވާނީ AH ޖައްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުއްވުމަށްފަހު 300 އަކަށެވެ.