ރަމަޟާން މަސް ފެށެން ދުވަސް ކައިރިވެފައިވާއިރު، ތަކެތީގެ އަގު އުފުލުނަ ނުދީ ހިފެހެއްޓުމަކީ ސަރުކާރުގެ އަމާޒު ކަމަށް އިކޮނޮމިން މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނަށް މިނިސްޓަރުންނާ ސުވާލު ކުރުމުގެ ފުރުސަތު ލިބޭ ”އަހާ“ ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ، ފާއިތުވި އަހަރުގެ ރަމަޟާން މަހަކީ މި ފަހުގެ ތާރީހުގައި އެންމެ ރަނގަޅަށް އަގުތައް މެނޭޖުކުރެވުނު މަސް ކަމަށެވެ.

އަދި މި އަހަރުގެ ރޯދަ މަހުގައި ވެސް، ކާއްޓާއި ފިޔާ ފަދަ އަސާސީތަކެތީގެ އަގު ވިޔަފާރިތަކުން ބޮޑު ކުރާނަމަ، ސަރުކާރުން ”އިންޓަރވިން“ ކުރާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

”އަޅުގަނޑުގެ އިލްތިމާސަކީ ރަމަޟާންމަހާ ގުޅިގެން، އެއްވެސް ވިޔަފާރިއަކުން މިފަދަ އަސާސީ ތަކެތީގެ އަގުބޮޑު ނުކުރުން.“ އެމަނިކުފާނު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ އަސާސީ ތަކެތި އަގު ހެޔޮކޮށް ވިއްކުމުގައި ހުރި ގޮންޖެހުންތަކާމެދު ވިޔަފާރިވެރިންނަށް މަޝްވަރާ ކުރެވޭނެ ކަމަށެވެ.

އެގޮތުން ޕްރައިވެޓް ވިޔަފާރިތައް ހިމެނޭ ކައުންސިލެއް ސަރުކާރުން އުފައްދާފައިވާ ކަމަށާއި، އެ ކައުންސިލާ މަޝްވަރާ ކުރެވި، ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.