ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، އަމާޒަކީ މި އަހަރު މިލިއަނަކަށްވުރެ ގިނަ ގަސް އިންދުން ކަމަށް އެންވަޔަރްމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވަވާ ”އަހާ ފޯރަމް“ ގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް، މިދިޔަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހު ފެށިއިރު، އެ އަހަރު ނިމުނުއިރު، އެކި ބާވަތްތަކުން ހަތަރުލައްކައަށްވުރެ ގިނަ ގަސް އިންދުނު ކަމަށެވެ.
އަދި މި ޕްރޮގްރާމްގެ ދަށުން، މި އަހަރުގެ އަމާޒަކީ، މިލިއަނަކަށްވުރެ ގިނަ ގަސް އިންދުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
”އަޅުގަނޑުމެން، މިހާރު މި ބަލަނީ، މިލިއަނަކަށްވުރެ ގިނަ ގަސް އިންދައި، އިރާދަކުރެއްވިއްޔާ، ދެ މިލިއަނާ ގާތަށް އިންދުމަށް ހަމަ މަސައްކަތްތަކެއް ކުރާނަން.“ ތޯރިގް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އަހަރަކު މިލިއަނަކަށްވުރެ ގަސް އިންދިއްޖެނަމަ، މި ސަރުކާރުގެ މި ހިނގާ ފަސް އަހަރުގެ ދައުރު ނިމޭއިރު، ފަސް މިލިއަން ގަސް އިންދުމުގެ އަމާޒަށް ވާސިލުވެވޭނެ ކަމަށެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ފަސް މިލިއަން ގަސް ޕްރޮގްރާމުން ދައްކުވައިދެނީ، ރައީސް އޮފީހުން ކުރިން ބުނިގޮތުގައި، ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި އެ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކެވެ.
މި ގަސް އިންދުމުގެ ޕްރޮގްރާމް މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކުގައި ވެސް ކުރިއަށް ގެންދާނެއެވެ.

