ބާކީވާ ޕާން ފޮތިތައް ބޭނުންކޮށްގެން، ވަރަށް ފަސޭހައިން ގޭގައި ގުލާބު ޖާމުން ތައްޔާރު ކޮށްލެވިދާނެކަން އެނގޭހެއްޔެވެ؟

މިގޮތަށް ގުލާބު ޖާމުން ތައްޔާރުކޮށްލުމަށް މާ ގިނަ ބާވަތްތައް ބޭނުމެއް ނުވެއެވެ.

ބޭނުންވާނެ ތަކެތި:

8 ޕާން ފޮތި (ކައިރި ނަގައިފައި)

3 ނުވަތަ ހަތަރު ސަމުސާ ދިޔާ ކިރު (ޕާން މޮޑެން ބޭނުންވާނެ ވަރަށް އިތުރު ވެސް ކޮށްލެވިދާނެ)

ކުޑަ ހިކި ކިރު ކޮޅެއް

އެއް ޖޯޑު ހަކުރު

ކުޑަ ކާފޫރުތޮޅި ކޮޅެއް

ދެ ޖޯޑު ފެން

ތައްޔާރުކޮށްލާނެ ގޮތް:

އެންމެ ފުރަތަމަ ޕާން ފޮތިތައް ހިމުންކޮށްލާށެވެ. އަތުން ނޫންނަމަ މިކްސަރުގައި ވެސް މިކަން ކުރެވިދާނެއެވެ.

އެއަށްފަހު ކިރާއި ހިކި ކިރުކޮޅެއް އަޅައި، ފުށް މޮޑޭ ގޮތަށް މޮޑެލާށެވެ.

އެއަށްފަހު ބޭނުންވާ ސައިޒަށް ގުޅަ ހަދާށެވެ. ގުޅަތައް ހުންނާންވާނީ ވަރަށް އޮމާންކޮށެވެ. އަދި ތައްޔާރު ކުރި ގުޅަތައް މަޑު ގިނީގައި ތެލުލާށެވެ.

ދެން ހަކުރުން ފަނިގަނޑު ތައްޔާރު ކުރުމަށްޓަކައި، ތެއްޔެއްގައި އެއް ޖޯޑު ހަކުރަށް ފެން އަޅައި ކައްކާށެވެ. އަދި އެއަށް ކާފޫރުތޮޅި ކޮޅެއް އަޅައިލާށެވެ. ކާފޫރުތޮޅީގެ ރަހަ ނުކުންނަ ވަރަށް ނުވަތަ 15 ވަރަކަށް މިނެޓުވަންދެން ކައްކަންވާނެއެވެ.

އެއަށްފަހު ހަކުރު ފަނިގަނޑުގައި، ކުރިން ތެލުލި ގުލާބުޖާމުންތައް ފޯވަންދެން ބަހައްޓާށެވެ.