ރަމަޟާން މަހު އުމްރާއަށް ދާ އުމްރާވެރިންގެ ޑެބިޓް ކާޑު ޑޮލަރު ލިމިޓް 1،500 ޔޫއެސް ޑޮލަރަށް އިތުރުކޮށްފިއެވެ.
މި އަހަރުގެ ރޯދަމަހު އުމްރާއަށް މީހުންނަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ހައްލެއް ހަމަޖައްސައި ދިނުމުގެ ގޮތުން ކޮންމެ އުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1،500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަން ނިންމަވާ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން އިއުލާނު ކުރެއްވީ މިމަހުގެ 10 ވަނަ ދުވަހުއެވެ.
ބީއެމްއެލް އިން މިއަދު ބުނީ އަންނަ ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އުމްރާއަށްދާ ހުރިހާ ކަސްޓަމަރުންގެ ޑެބިޓް ކާޑަށް 1،500 ޔޫއެސް ޑޮލަރުގެ ލިމިޓް ދޭން ބޭންކުން ނިންމާފައިވާ ކަމަށެވެ.
ކާޑަށް ދޫކުރާ މި ލިމިޓް ބޭނުންކުރެވޭނީ ހަމައެކަނި ސައުދީ އަރަބިއްޔާގައި ކަމަށާއި މި ލިމިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ކަސްޓަމަރަކަށްވެސް އެއް ޑެބިޓް ކާޑަށް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ބީއެމްއެލް އިން ބުނީ އުމްރާ ގްރޫޕްތަކާ ގުޅިގެން ދަތުރުކުރާ އުމްރާވެރިންނަށް މިކަން ފަހިކޮށްދިނުމުގެ ގޮތުން އުމްރާ ގްރޫޕްތަކުން މިކަމުގައި އަމަލުކުރަންވީ ގޮތުގެ ތަފްސީލް ބޭންކުން އުމްރާ ގްރޫޕްތަކާ ހިއްސާކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އުމްރާ ގްރޫޕްތައް މެދުވެރިކޮށް އުމްރާއަށްދާ މީހުން އެ ގްރޫޕަކާ ގުޅުއްވުމަށް ވަނީ އެދިފައެވެ.
އުމްރާ ގްރޫޕެއްގައި ނުހިމެނި ވަކިން ދަތުރުކުރައްވާ އުމްރާވެރިން، ބޭންކު ބަންދު ދުވަސްތައް ފިޔަވައި، ފުރުމުގެ ފަސް ދުވަސް ކުރިން ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓް ކޮޕީ އާއި ޓިކެޓް ކޮޕީ ފޮނުވުމުންކާޑު ލިމިޓް ހަމަޖައްސައިދޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

