ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅޭ ދުސްތޫރީ މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއެކު ރައީސް އޮފީހުގައި ކުއްލި ކެބިނެޓް ބައްދަލުވުމެއް ބާއްވާފައިވާކަމަށް ބުނެ ފެތުރި ޚަބަރު ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ދޮގު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިފަހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސައްހަނޫންކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފާއިވާ މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާފައެވެ.

އޮންލައިން ނޫހެއްގައި ރިޕޯޓު ކޮށްފައިވާ ގޮތުން މިކަމާ ގުޅޭ ބައްދަލުވުމަށް ވަގުތު ދިނުމުގެ ގޮތުން މިއަދު މެންދުރު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާ އެކު ބާއްވަން ތާވަލުކޮށްފައި އޮތް ފަރިއްކޮޅު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކެންސަލް ކުރައްވާފައެވެ.

އެކަން ދޮގު ކުރައްވައި ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ”ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް“ މި ސުރުޚީގެ ދަށުން އޮންލައިން ނޫހެއްގައި ގެނެސްދީފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

އެއްވެސް ސައްހަ ކަމެއް ނެތް މިފަދަ ދޮގު މައުލޫމާތެއް، ރައްޔިތުންނަށް އޮޅޭ ގޮތަށް ގެނެސްދިނުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ހީނާ ވަނީ މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާނެކަމަށް ވިދާޅުވެފައެވެ.