ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދިޔަ ”އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2024“ ނިންމައި، ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ހުޅުމާލޭގެ ޝްވެކް ސިނަމާގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އަލީ ހައިދަރު އަހުމަދެވެ.
މިއީ އެޗްޑީސީން މިހާތަނަށް ކުރިއަށްގެންދިޔަ ހަތްވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.
އެގޮތުން، މި އަހަރުގެ ޕްރޮގްރާމް ނިންމައި ޖުމްލަ 49 ބައިވެރިން ވަނީ ސަނަދު ހާސިލްކޮށްފައެވެ. މިނިސްޓްރީ އޮފް ޔޫތް އެންޕަވަމެންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ (އެން.އޭ.ޕީ) ގެ ގައިޑްލައިންސްއާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔަ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ކޮންމެ ބައިވެރިއަކަށް ދީފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ނެޝަނަލް ލެވެލް 3 ގެ ސަނަދެކެވެ.
ކޮންމެ މަހަކު އެލަވަންސްއެއް ލިބޭގޮތަށް، ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެޗްޑީސީން ހަ ދާއިރައަކުން ވަނީ ބައިވެރިން ތަމްރީނުކޮށްފައެވެ.
އެއީ، ގާރޑަނިންގ، ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިން، ފްރަންޓް އޮފީސް ސަރވިސަސް، ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން އަދި އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސްގެ އިތުރުން، ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންއެވެ.
އެޕްރެންޓިޝިޕް ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ، މި ކޯޕަރޭޝަނާއި ޔޫތު މިނިސްޓްރީއާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫއެއްގެ ދަށުންނެވެ.
އެގޮތުން، ތަމްރީނު ދޭ އިންސްޓިޓިއުޓު ގެ ގޮތުގައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) ހަމަޖެއްސީ ޔޫތު މިނިސްޓްރީންނެވެ.
އެޗްޑީސީން ބުނީ، މި ޕްރޮގްރާމުގެ މަގްސަދަކީ ވަޒީފާގެ މާހައުލަށް ނުކުންނަށް ބޭނުންވާ ފަރާތްތަކަށް، ކުރިއަށްދާން ބޭނުންވާ ދާއިރާ އިހްތިޔާރު ކުރުމުގައި އެހީތެރިވާއި، އެ ދާއިރާތަކުން މަސައްކަތުގެ ތަމްރީނު ހޯދައިދިނުމާއެކު ގައުމީ ލެވެލްގެ ސެޓްފިކެޓެއް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

އަދި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި މިވަގު ބިދޭސީން އަދާކުރަމުންދާ ވަޒީފާތަކަށް ދިވެހިން ތަމްރީނު ކުރުން ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދިނުމާއެކު، ގައުމުގެ ތަރައްގީއަށް ބޭނުންވާ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް މި ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ.
އަދި ގިނަ ދާއިރާތަކަކުން ގާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދޭން އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާ ކަމަށް އެޗްޑީސީން ބުނެއެވެ.

