މިދިޔަ އަހަރުގެ ފިތުރު އީދަށް ދިއްލައި ނުލެވޭ 36 ރަށަކަށް މި އަހަރު ލައިޓް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ އީދާ ދިމާކޮށް ކުރިއަށް ގެންދާ ”އީދު އަލި“ ހަރަކާތް މިއަހަރު ވެސް ކުރިއަށް ގެންދާ ރަށްތައް ކަނޑއަޅާފައި ވަނީ އާބާދީގެ ނިސްބަތަށް ބަލައިގެން ކަމަށެވެ.
”މިދިޔަ ފަހަރު އަޅުގަނޑުމެންނަށް ލައިޓުތައް ފޮނުވުނީ މައިގަނޑުގޮތެއްގައި އަތޮޅުވެރިކަން ކުރާ ރަށަށް. އޭގެ އިތުރުން މިފަހަރު އަޅުގަނޑުމެން ކޮންމެ އަތޮޅަކުން ވެސް ދެ ރަށަކަށް އީދު ލައިޓު އެބަ ފޮނުވަން.“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީއާއި ފުވައްމުލަކުގެ ވަކި ރަށްތަކަށް ކުރިން ލައިޓުތައް ފޮނުވާފައިވާ ކަމަށެވެ.
އަދި ދެން ހުރި އަތޮޅުތަކުން 36 ރަށަކަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ލައިޓް ހަދިޔާ ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެއަކީ ތަހުޒީބު، ރީއްޗަށް ލޯބިކުރާ ބަޔަކު އުޅޭ ތަނަކަށްވާއިރު، އީދުގެ އުފާވެރިކަމާއި ހިތްހަމަޖެހުން ވަރަށް ބޮޑަށް ދިވެހީން ބޭނުންވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެއަށް ގެންނަ އީދު ލައިޓުތަކަކީ އިސްލާމީ ޝިއާރު ފާޅުކުރުމާއި ތަކުބީރު އިވުން ކަހަލަ ކަންކަން ވެސް ހިމެނޭ ލައިޓުތަކެއް ކަމުން، އެކަމަކީ އިސްލާމީ ވަހުދަތު ރައްކާތެރިކުރުމަށް ރައީސް ދެއްވާ އިސްކަން ހާމަވާ ކަމެކެވެ.

