ދިވެހީންގެ އަމިއްލަވަންތަކަމާއި ސިޔާދަތު ރަމްޒުކޮށްދޭ ކޮންމެ ލަފްޒެއްވެސް ގުޅިފައިވަނީ ދިވެހި ބަހާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަގުވާމީ މާދަރީ ދުވަހުގެ މުނާސަބަތުގައި އެކްސް މެދުވެރިކުރައްވައި ރޭ ދެއްވި މެސެޖެއްގައެވެ.
ރައީސް ވިދާޅުވީ މާޒީ އާއި މިއަދު އަދި މާދަމާ ވެސް، ދިވެހީންގެ ގޮތުގައި ދެމިތިބުމުގެ ސިއްރަކީ ދިވެހި ބަސް ކަމަށެވެ.
”ދިވެހިރާއްޖެ، ދިވެހިވަންތަ، ދިވެހި ދިދަ ފަދަ ދިވެހީންގެ އަމިއްލަވަންތަކަމާއި ސިޔާސަތު ރަމްޒުކޮށްދޭ ކޮންމެ ލަފްޒެއްވެސް ގުޅިފައިވަނީ ’ދިވެހި‘ ބަހާ،“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެ މަނިކުފާނު ވަނީ ދިވެހި ބަހާއި ގައުމިއްޔަތަށް ހާއްސަ އިސްކަމެއް ދެއްވައިފައެވެ.
އެގޮތުން އެމަނިކުފާނު ވަނީ ދިވެހި ބަސް ކުރިއެރުވުމުގެ ގޮތުން ހާއްސަ މިނިސްޓްރީއެއް ވެސް އުފައްދަވައިފައިވާކަން ފާހަގަކޮށްލެވެއެވެ.

