ރ.އަތޮޅު ކައުންސިލަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ރ. އުނގޫފާރުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެ މައްސަލައިގައި ހައްޔަރު ކުރީ އުނގޫފާރު، ނަސީމީހިޔާ، މުހައްމަދު ވަހީދު، 67، އާއި އެ ރަށު ރިވެލި، މުހައްމަދު އަމްޖަދު، 61، ކަމަށެވެ.
އެ ދެ މީހުން ވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މި މަހުގެ 21 ގައެވެ. އަދި އެ ދެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވެއެވެ.
ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުން ސިހުރާ ގުޅޭ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.
އެގޮތުން މީގެ ދުވަސްކޮޅެއް ކުރިން ތ. ވިލުފުށީ ކެފޭއަކަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލައެއް ވެސް ފެންމަތިވެ، މީހަކު ހައްޔަރުކޮށްފައިވެއެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ވިލުފުށި، ރޭނިގޭ މުޙައްމަދު ޢަބްދުލް ގާދިރު، 66،އެވެ.
މީގެ އިތުރުން މިދިޔަ ހަފުތާގައި ކުޅުދުއްފުށީގެ 8 ގެއަކުން ވެސް ސިހުރު ހަދާ ތަކެތި ހޯދާފައިވެއެވެ.

