ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (އ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނުގެ 3 ވަނަ މާއްދާގެ 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރެއްގެ ހައިސިއްޔަތުން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ގއ.ވިލިނގިލި، ވައިޖެހޭގެ  ޔަޒްމީދު މުހައްމަދު، މިއަދު އައްޔަން ކުރައްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ.

މި ރަސްމިއްޔާތުގެ ކުރިން، ރައީސް ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 165 ވަނަ މާއްދާއާއި، ޖޭއެސްސީގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރުކަމުން، ރ.އިނގުރައިދޫ، ހިތްވަރު  މުހައްމަދު ސަމީރު ވަކިކުރައްވާފައެވެ.

 

ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ޔަޒްމީދު މުޙައްމަދު، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ.

އޭނާ އަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑރ.މުހައްމަދު އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ޔަޒްމީދާ ވަނީ ހަވާލުކުރައްވާފައެވެ.