ދ .އަތޮޅު ހޮސްޕިޓަލްގެ 50 އެނދުގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޖުމްލަ 540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަސައްކަތުގެ އަގަކީ 181 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙުމަދު ގާސިމެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަސްބާހް އަލީ ނަސީރެވެ.

އެ ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ، އައު ހޮސްޕިޓަލް ޢިމާރާތްތައް ގާއިމްކޮށް ހިދުމަތްދޭން ފެށުމާއެކު، ޖާގައިގެ ދަތިކަން ހައްލުވެ އެތަންތަން ގިންތިކޮށްފައިވާ މިންވަރަށް ތަނުން ފޯރުކޮށްދޭންޖެހޭ އެންމެހާ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށް ދެވިގެންދާނެ ކަމަށެވެ.

އަދި މީގެ ސަބަބުން ރަށާއި ކައިރި އާބާދީތަކުގެ ރައްޔިތުންނަށް ވެސް ހިދުމަތް ލިބިގަތުމުގައި އެތަކެއް ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައު ހޮސްޕިޓަލުން ލިބިގެންދާނެ ހިދުމަތްތަކުގެ ތެރޭގައި، ކޮވިޑް ފަދަ ބަލިތަށް ފެތުރޭ ހާލަތް ތަކުގައި ހޮސްޕިޓަލުގެ އޮޕަރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ އަކާއި، ހޮސްޕިޓަލުގެ ބޭނުން ކުރާ ހަކަތަ އަށް ކުރާ ހަރަދު ކުޑަ ކުރުމުގެ ގޮތުން ސޯލަ ޕީވީ ސިސްޓަމް މި ހޮސްޕިޓަލްގައި ހަރުކުރުމަށް ހަމަޖެހިފައިވެއެވެ.

މިއާއެކު ވޭސްޓް މެނޭޖްމަންޓް ސިސްޓަމާއި، ހޮސްޕިޓަލް ގްރޭޑް އިންޑަސްޓްރިއަލް ލޯންޑްރީ ސެޓަޕް ޤާއިމްކުރުމުގެ އިތުރުން މެމޮގްރަފީގެ ހިދުމަތާއި ޑެންޓަލް އޯޕީޖީ، ކަށީގެ ފަރުވާތަކަށް ހާއްސަ އޯތޯ-ތިއޭޓަރ ގާއިމް ކުރާނެއެވެ.