ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުޑަހުވަދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، ރަށުގެ ވަރަށް ގިނަ ރައްޔިތުންގެ ދުވަސްވީ އުއްމީދުތަކެއްގައި ހަގީގީ ކުލަޖެހިގެންދާ ދަތުރުފުޅެއްކަމުގައި ކުޑަހުވަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ކައުންސިލުން މިހެން ވިދާޅުވީ ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައި ރައީސުލްޖުމްހޫރިއްޔާ، ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމީޓީއާ އަދި ކުޑަހުވަދޫގެ ބައެއް މުއައްސަސާތަކުގެ ވެރިންނާއެކު މިއަދު ހަވީރު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ދަތުރުފުޅަކީ މި ހިނގާ ރިޔާސީ ދައުރުގައި ރައީސުލްޖުމްހޫރިއްޔާ ކުޑަހުވަދޫއަށް ކުރައްވާ 3 ވަނަ ދަތުރުފުޅުކަން ފާހަގަކުރައްވައި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ގައުމު ތަރައްގީ ކުރުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުތަކަށް ތާއީދުކުރައްވާކަން ފާހަގަކުރައްވާފައެވެ.

އަދި މި ދަތުރުފުޅުގެ ތެރެއިން ފެށިގެންދާ މަޝްރޫއުތަކަކީ ނުހުއްޓި ކުރިއަށްދާނެ މަޝްރޫއުތަކެއްކަމުގައި ހައްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ކައުންސިލުން ވަނީ ކުޑަހުވަދޫގައި އިންޑަސްޓްރިއަލް އޭރިއާއެއް ހައްދަވައިދެއްވުމަށާއި، މަސް ފެކްޓްރީއެއް ބޭނުންވާކަމަށާއި، ރަށްގިރުމުގެ މައްސަލައަށް ހައްލެއް ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރައްވާ ކޮމިޓީގެ މެންބަރުންވަނީ ސަރުކާރުން އަންހެނުންގެ ތަރައްގީއަށް ކުރައްވާ މަސައްކަތްތައް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.

އަދި އާބަން ސެންޓަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ރަށްތަކަށް ކޮށްދެއްވުމަށް ވަޢުދުވެވަޑައިގެންފައިވާ ކަންކަން ކުރިއަށްގެންދަވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކުޑަހުވަދޫގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.