ކުރިއަށް އޮތް ރޯދަމަހު ވެސް، ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓު ލިބޭނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނު ކުރައްވައިފިއެވެ.

ރައީސް އެ އިއުލާން ކުރެއްވީ، ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި މަސްދަޅުކޭސް ދެއްވުމަށް ރައީސް ވެވަޑައިގެންނެވި ވައުދާ ގުޅުވައި، ތަފާތު ތުހުމަތު ކުރާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އެ ވާހަކަތަކުގެ ހަގީގަތެއް ނެތްކަން ހާމަވަމުން އަންނަ ކަމަށެވެ.

އޭގެ ތެރޭގައި، މަސްދަޅު ކޭހުގެ ހަރަދު ފޫބައްދަން ރޯދަމަހު ކަރަންޓު ބިލާއި ފެން ބިލު ބޮޑުކުރާނެ ކަމަށް ތުހުމަތު ކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިދިޔަ ޑިސެމްބަރު މަހުގައި، އއ. މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ކުރީ ރަމަޟާން މަހުގައި ދިން ގޮތަށް މި ފަހަރު ވެސް ރަމަޟާން މަހު ކަރަންޓު ބިލުންނާއި ފެން ބިލުން ޑިސްކައުންޓް ދޭނެ ވާހަކަ ދަންނަވައިފައިވާނެ ކަމަށެވެ.

”ހަމަ އެކަން އެގޮތަށް ކުރިއަށްގެންދާނަން،“ ރައީސް ވިދާޅުވިއެވެ.

ރޯދަމަހު ކަރަންޓު ބިލާއި ފެން ބިލު ބޮޑުވުމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.