އެސްޓޯނިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްއަށާއި ބޮޑުވަޒީރު ކްރިސްޓެން މިހަލް އަދި އެ ޢަޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
އެސްޓޯނިއާގެ ރައީސް އަލާރް ކާރިސްއަށާއި އެޤައުމުގެ ބޮޑުވަޒީރު ކްރިސްޓެން މިހަލްއަށް ވަކިވަކިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުތަކުގައި، ޖަނަވަރީ މަހު އެސްޓޯނިއާއަށް އެމަނިކުފާނު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ހަނދާންތައް އައުކުރައްވައި، މި އަހަރަކީ ދިވެހިރާއްޖެއާއި އެސްޓޯނިއާއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުމަށް ތާރީޚީ ކާމިޔާބީއެއް ލިބުނު އަހަރެއްކަން ފާހަގަކުރައްވާފައިވެއެވެ.
އަދި އެމަނިކުފާނު ވަނީ ދެ ގައުމުގެ ދޭދޭ ގުޅުމާއި ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމު ގުޅިގެން އެކިއެކި ދާއިރާތަކުން ހަރުދަނާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެސްޓޯނިއާގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްއަށާއި ބޮޑުވަޒީރު ކްރިސްޓެން މިހަލްއަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އަދި އެ ގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައެވެ.
އެސްޓޯނިއާގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.
އެސްޓޯނިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުންވެސް މެސެޖެއް ޙިއްސާކުރައްވާފައެވެ.
