ސަރުކާރުން މަޝްރޫއުތައް ހިންގުމަށް ރާވާފައިވަނީ އެންމެ ހަރަދު ކުޑަކޮށް، އެންމެ ރަނގަޅަށް ކަން ކުރެވޭގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު މާއެނބޫދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި، އެ މަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުން އެދޭ އަމާޒަށް ކަންކަން ކުރައްވަން ކަމުގައި ވިދާޅުވިއެވެ.
އެގޮތުން މާއެނބޫދޫއަށް ވަޑައިގެންނެވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ރަށު ރައްޔިތުންނާއި ބައްދަލުކޮށްލައްވައި، އެ ރަށު ރައްޔިތުންނަށް މިހާރަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ބިންހިއްކުމުގެ މަޝްރޫޢުގެ ޔަޤީންކަން ދެއްވުން ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، އީ.އައި.އޭ ފާސްވުމާއެކީގައި އަމަލީ ގޮތުން ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމަށާއި އެއާއެކު އެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް، ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް، 30 ހެކްޓަރުގެ ބިން ހިއްކާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
އަދި ރައްޔިތުން ބޭނުންފުޅުވެވަޑައިގެންނެވި ގޮތަށް އޭގެ ތެރެއިން ދެ ހެކްޓަރު ވަކިން، ވަކި ރަށެއްގެ ގޮތުގައި ހިއްކައިދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ކޮންސެޕްޓަކީ ކުރީގައި ހިނގާ ގޮތަށް ކަންކަން ގެންދިއުމެއް ނޫން. ކުރީގައި ފެށިފައިހުރި މަޝްރޫޢުތައް ފެށިފައިހުރީ ސަބްބޭސް އަޅާނީ ވަކި ކުންފުންޏަކުން، ޓަރފް އަޅާނީ ވަކި ކުންފުންޏަކުން، ލައިޓު ޖަހާނީ އެހެން ބަޔަކު، ރޮސްޓްރަމް ހަދަންޏާ ހަދާނީ އެހެން ބަޔަކު. އެގޮތަކަށް ނުކުރާނެ އަޅުގަނޑުމެންނެއް. އަޅުގަނޑުމެން އެކަން ކުރެވޭނެ އެންމެ ރަނގަޅުގޮތަށް ރާވާފަ، ސަރުކާރުގެ ކުންފުނިތަކުން އަދި ބަލްކުކޮށް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޓުބޯޅަ ދަނޑުތަކާ ފުޓްސަލް ދަނޑުތަކާ ނެޓްބޯލް ދަނޑުތަކާ، މި ހުރިހާތާކަށް ބޭނުންވާ ފެންސް، ލައިޓް، މި ހުރިހާ އެއްޗެއް ގެނައުމުގެ ކަންތައްވެސް އެންމެ ހަރަދު ކުޑަކޮށް، އެންމެ އިފެކްޓިވްކޮށް ކުރެވޭގޮތަށް މިހާރު އެއޮތީ ރާވާފައި.“ ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ކުރިއަށް ގެންދަވާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި، ރައްޔިތުންގެ މަޖިލީހުގައި އެ މަނިކުފާނު އިއްވި ރިޔާސީ ބަޔާނުގައި ދެންނެވި ފަދައިން، ހުރިހާ ރަށެއްގައިވެސް ހުއްޓިފައިހުރި މަސައްކަތްތައް އަލުންފެށިގެން ދާނެ ކަމަށާއި ފެބުރުވަރީ އަދި މާރޗު މަހުގެ ތެރޭގައި އެ ވަޢުދު އިރާދަކުރެއްވިއްޔާ ފުއްދަވާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
އަދި ރިޔާސީ އިންތިޚާބުގައި، މާއެނބޫދޫގެ ތަރައްގީއަށް މައިގަނޑު ދެ ވަޢުދެއް ވެވަޑައިގެންފައިވާނެ ކަމަށާއި، އެ ގޮތުން، ބިންހިއްކުމާއި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން ތައުލީމާއި ސިއްހަތުގެ ދާއިރާއިންވެސް ސަރުކާރުން އެކި މަޝްރޫއުތައް ކުރިއަށްގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

