ސައުދީ އަރަބިއާ އަކީ ނަމޫނާ ގައުމެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ތަރައްގީގެ ކަންކަން ހާސިލުކުރުމަށް ބޭނުންވާ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސައުދީ އަރަބިއްޔާއަކީ ނަމޫނާ ގައުމެއް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ސައުދީގެ 92 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އެމަނިކުފާނު ވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނު އެކުލަވާލެއްވި ”ވިޝަން 2030“ މަގުޗާޓަށް ތަޢުރީފުކުރައްވައި މިއީ ދުރުވިސްނޭ ޤާބިލު ލީޑަރެއްގެ ވިސްނުންފުޅާއި އަދި މަސައްކަތްތެރި ހީވާގި ރައްޔިތުންގެ މަސައްކަތާއެކު އެ ޤައުމަށް ހާސިލުކުރެވޭ ކަންތައްތައްކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ނައިބު ރައީސްގެ ވާހަކަފުޅުގައި ”ވިޝަން 2030“ އިއުލާނުކުރުމަށްފަހު ވޭތުވެ ދިޔަ 5 އަހަރުގެ ތެރޭގައި، އެ ޤައުމުގެ ރައްޔިތުންނަށް އުފާވެރި މުސްތަޤްބަލެއް ހޯދައިދިނުމަށާއި އަދި ޤައުމުގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ކަނޑައަޅާފައިވާ އަމާޒުތަކަށް މަސައްކަތްކޮށް ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީތަކެއް އެޤައުމުން ހާސިލުކޮށްފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖެއާ ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުގެ ގުޅުމަކީ ޒަމާންވީ ގާތް ގުޅުމެއްކަން ފާހަގަކުރައްވައި ދެ ޤައުމުގެ މި ގުޅުން ބިނާވެފައި ވަނީ، އެއްޤައުމު އަނެއް ޤައުމަށް ކުރާ އިޙްތިރާމާއި، ދެމުންގެންދާ އެއްބާރުލުމާ އަދި ދެ ޤައުމުން ޙިއްޞާކުރާ އެއްގޮތް އުސޫލުތަކުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. އެގޮތުން މުސްލިމު ދެ ޤައުމެއްގެ ހައިސިއްޔަތުން، ސަޢޫދީ ޢަރަބިއްޔާއާ ދިވެހިރާއްޖެއަކީ އިސްލާމީ ޘަޤާފަތާއި، އަދި ތާރީޚީ ގޮތުން ވަރަށްބޮޑަށް ގުޅިލާމެހިފައިވާ ދެ ޤައުމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި ސަޢޫދީ ސަރުކާރުން އެމަނިފާނަށް އަދާކުރެއްވި މެހުމާންދާރީއާ އަދި ބެހެއްޓެވި ގާތްކަމާއި އަދި ދިވެހި ޙައްޖާޖީންނަށް ދިން އަހައްމިއްޔަތުކަމަކީ ދެ ޤައުމުގެ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަންވެސް އެމަނިކުފާނު ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ސަޢޫދީ ސަރުކާރުން ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް ވެދެއްވާފައިވާ ދީލަތި އެހީތެރިކަމާއި ފަހިކޮށްދެއްވާފައިވާ ފުރުޞަތުތައް ދިވެހި ސަރުކާރާއި ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމުގައި ވިދާޅުވިއެވެ. އަދި ސަޢޫދީ ފަންޑަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގެ މުހިންމު ބައިވެރިއެއްކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

.