އިޒްރޭލްގެ ޔަހޫދީން މަރާލި އަލްޖަޒީރާ ނޫހުގެ ނޫސްވެރިޔާ، ޝީރީން އަބޫ އާގްލާއަށް އިންސާފު ހޯދައިދިނުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް، އެމެރިކާއަށް ގޮވާލައްވައިފިއެވެ.

Ads by Asuru

އައްބާސް މިފަދައިން ގޮވާލެއްވީ އދގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުންނެވެ.

ނޫސްވެރިޔާ ޝީރީންގެ ފުރާނަ ދުއްވާލި އުންޑަ އަކީ އިޒްރޭލު ސިފައިންގެ ބަޑިއަކުން ނުކުތް ވަޒަނެއް ކަމަށް ޝައްކެއް ނެތް މިންވަރަށް ކަށަވަރު ކުރެއްވިޖެ ކަމަށް އދއިންވެސް މީގެ ކުރިން ވަނީ ބުނެފައެވެ.

މިގޮތުން އދގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ޝީރީން މަރާލި ވަޒަނުގެ ހަގީގަތް ހޯދަން ނުފުރޮޅާ ގަލެއް ނޯންނާނެއެވެ.

އދގެ އާންމު މަޖިލީހުގައި ވާހަކަފުޅު ދަައްކަވަމުން އައްބާސް ވިދާޅުވީ ޝީރީން އަކީ އެމެރިކާއަށްވެސް ނިސްބަތްވާ މީހަކަށްވުމާއެކު، އޭނާއަށް އިންސާފު ހޯދައިދޭން އެމެރިކާއަށް ގޮންޖައްސަވާ ކަމަށެވެ. ނަމަވެސް އެމެރިކާ އަކީ އިޒްރޭލަށް ވާގިވެރިވާ ބަޔަކަށް ވުމުން، ޝީރީންއަށް އިންސާފު ހޯދައި ނުދޭނެ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

ޝީރީން މަރާލާފައި ވަނީ މިއަހަރު މެއި 11 ގައި އިޒްރޭލު ސިފައިން ފަލަސްތީނުގެ ބިންތަކުގައި ހިންގަމުން ގެންދިޔަ އުދުވާންތައް ބަލައި ޚަބަރަށް މައުލޫމާތު ހޯދަނިކޮށެވެ. އެއިރު އޭނާގެ އުމުރަކީ 51 އަހަރެވެ.

އިޒްރޭލުން ޝީރީން މަރާލުން މުޅި ދުނިޔެ ކުށްވެރި ކުރިއެވެ. އިޒްރޭލުގެ ގާތް އެކުވެރި އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން އަދި އިނގިރޭސި ގާނޫން ހަދާ މަޖިލީހުގެ މެމްބަރުންވެސް އެކަން އޭރު ކުށްވެރި ކުރިއެވެ. ނަމަވެސް ޝީރީންއަށް އިންސާފު ހޯދައިދޭން މަސައްކަތެއް ނުކުރެއެވެ.