އެމްޑީޕީގެ ސަރުކާރުގައި އިއުލާނުކުރި ބޯހިޔާވަހިކަމުގެ ސްކީމް، ”ގެދޮރުވެރިޔާ“ގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓުގެ ހައްގުވެރިންގެ ލިސްޓު މިއަދު އާންމުކޮށްފިއެވެ.

އެހެންނަމަވެސް އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެ ފުލެޓުތައް ހަވާލުކުރުން ހުއްޓުވިއެވެ.

އެއަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ފެށުނު ފަހުން، މިދިޔަ ފެބްރުއަރީ މަހު އޭސީސީން ވަނީ، ބައެއް ކަންތައްތަކަށް ރިއާޔަތް ކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ހުއްދަދީފައެވެ.

މި ސަރުކާރުން ނިންމީ ފުލެޓު ލިސްޓު ހައުސިން މިނިސްޓްރީން ބެލުމަށްފަހު އާންމު ކުރުމަށެވެ.

އެއަށްފަހު ލިސްޓު ނެރޭނެ އެކި ތާރީހުތަކެއް ދިން ނަމަވެސް އެ ތާރީހުތަކުގައި ލިސްޓު ނެރެފައިނުވެއެވެ.

މި ސަރުކާރުން ލިސްޓު ނެރެފައިވަނީ، ގެދޮރުވެރިޔާ ސްކީމުގައި ހިމެނޭ ދެ ކޮޓަރީގެ ފުލެޓުތަކާއި ތިން ކޮޓަރީގެ ފުލެޓުތަކަށް ޕޮއިންޓް ހަމަވި މީހުންގެ ފޯމްތައް އަލުން ބެލުމަށް ފަހުގައެވެ.