މިފެށޭ ރޯދަމަަަހަކީ އަޅުގަނޑުމެންގެ އަމަލުތައް ސީދާކޮށް، އަޅުގަނޑުމެންނަކީ މުސްލިމުންނަށްވީތީ މުސްލިމެއްކަމުގެ ފަހުރު، ހިތާ ރޫހުން ލިބިގަނެ، އާއިލާތަކާއި ގާތް ފަރާތްތަކުގެ މެދުގައި ޖެހިފައިވާ މައްސަލަތައް ހައްލުކުރުމަށް އޮތް ރަނުގެ ފުރުސަތެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ އިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ވާހަކަފުޅުގައި، ހިޔާލުތަފާތުވުންތަކުން އެއްކިބާވެ، ގައުމާއި ދީން އިސްކުރެއްވުމަށް އިލްތިމާސްކުރެއްވިއެވެ.

އަދި، މާޒީގައި ހިފަހައްޓައިގެން ލިބޭނެ ކުރިއެރުމެއް ނެތްކަމަށާއި ކުރިއަށްދިޔުމަކީ އިސްލާމްދީން ދަސްކޮށްދޭ، އެކަމަކަށް ބާރުއަޅާ ކަމެެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

އެގޮތުން މާފުކުރުމާއި، އެކުވެރިކަން އާލާކުރުމާއި، ހިތްސާފުކޮށް ތާހިރުކުރުމާއި، އަނެއް މުސްލިމާއަށް ތިބާގެ ފަރާތުން ކުރިމަތިވެދާނެ ގެއްލުންތަކުން ސަލާމަތްވުމުގެ މައްޗަށް ރައީސްގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.

އެފަދަ ކަންކަމަކީ ނަބަވީ ސުންނަތުން ދަލީލުކޮށްދޭ ކަންކަންކަމަށާއި، މިކަންކަން ޔަގީންނުވާނަމަ، އެމީހެއްގެ މުސްލިމުކަން ފުރިހަމަވެގެންނުދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، ކުރިމަތިވެފައިވާ ބަރަކާތްތެރި ރޯދަމަހުގައި އަމިއްލަ ނަފްސު އިސްލާހުކުރުމުގެ ނިޔަތްގަނެ، މާތްﷲގެ ވާގިފުޅާއެކު އެމަސައްކަތްކުރުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

މީގެ ސަބަބުން، މުޅި ދިވެހި މުޖްތަމައުއަށް އޭގެ ފައިދާކޮށް، ތަރައްގީ ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.