ބުޅާތައް ބެލެހެއްޓުމަށް ގާއިމު ކުރި “އޮޅު ހިޔާ” ފެސިލިޓީއަށް ބުޅާތައް ގެންދަން ފަށައިފިއެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން އެކްސްގައި ކުރި ޕޯސްޓެއްގައި މިނިސްޓްރީން ބުނީ ފެސިލިޓީއާ ހަވާލުވިތާ 16 ގަޑިއިރު ތެރޭގައި ބުޅާތައް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަދި މިނިސްޓްރީގެ ޓީމުން އާ ކަރަންޓީނު ސަރަޙައްދަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް އެންމެހާ ކަންކަން ފުރިހަމަކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މިހާތަނަށް ފެސިލިޓީއަށް ގެންދެވިފައިވަނީ 15 ބުޅާ ކަމަށް ވެސް ޕޯސްޓުގައި ބުނެފައިވެއެވެ.

އަދި އެކަން ހާސިލް ކުރެވުނީ ޓާސްކް ފޯހުން ހުއްޓުމެއް ނެތި ކުރެވުނު މަސައްކަތާއި، ހިތްވަރާއެކު އެއްބާރުލުން ދެއްވި އެންޖީއޯތަކުގެ މިންނެތް މަސައްކަތުގެ ސަބަބުން ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

އޮޅުހިޔާ ފެސިލިޓީ ހުޅުވީ މިދިޔަ ނޮވެމްބަރު މަހުގައެވެ.