ކޮންމެ ރޯދަ މަހަކުވެސް އޯގާތެރިކަމާއި ކުލުނާއި ދީލަތިކަމުގެ ނަމޫނާ ދައްކައި، ރައްޔިތުންގެ ހިތަށް ތަސައްލީ ލިބިދިނުމުގައި މި ސަރުކާރުން އިސް ނަންގަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހިޖުރީ ސަނަތުން 1446 ވަނަ އަހަރުގެ ރަމަޟާން މަހާ ބައްދަލުވުމުގެ އުފަލުގައި، ދިވެހި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައި ފޮނުއްވި ހިތާބުގައެވެ.

ރައީސްގެ ހިތާބުގައި ވަނީ، ދިވެހި ރައްޔިތުންނަށް ހިޔާވަހިކަން ކަށަވަރުކޮށްދީ، ދިރިއުޅުމުގެ މުހުތާދުތައް ފުއްދައިދީ، އުފާފާގަތިކަން އިތުރު ކޮށްދިނުމަށް ސަރުކާރުން ފައްޓަވާފައިވާ އިހްލާސްތެރި މަސައްކަތް އިރާދަކުރެއްވިއްޔާ ދުވަހަކަށްވުރެ ދުވަހެއް ހަލުވި ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އަހަރަކު އެއްފަހަރު ބައްދަލުވާ ރަމަޟާން މަހު، އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތަކަށް އަންނަ ހެޔޮ ބަދަލު މުޅި ހަޔާތުގައިވެސް ދެމެހެއްޓުމަށް އަޒުމު ކަނޑައަޅައި، ދިވެހި ކޮންމެ ކުޑަ ކުއްޖަކާއި ޒުވާނަކަށް ރީތި ނަމޫނާ ދައްކައި، ހަރުދަނާ ސިފަތައް އުނގަންނައިދޭ މަހެއްކަމުގައި މި މަސް ހެދުމަށް އެމަނިކުފާނުގެ ހިތާބުގައި ހިތްވަރުދެއްވާފައިވެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމިއްލަ ނަފުސަށް ގެއްލުންހުރި، ނުކިއްސަރު އާދަތަކާ ދުރުހެލިވުމުގެ ފުރަތަމަ ފިޔަވަޅު މި މަހު އެޅުމަށް ބާރުއަޅުއްވައި، ދޮގާއި ފިތުނަ ފަތުރަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދުރުހެލިވެ، ހުލްގު ހެޔޮ އިންސާނެއްގެ ގޮތުގައި ކާމިޔާބު ހަޔާތެއް އުޅުމުގެ އަޒުމު ކަނޑައެޅުމަށް އެމަނިކުފާނު ނަސޭޙަތްތެރިވެވަޑައިގެންފައިވެއެވެ.

ކީރިތި ޤުރުއާން އެ މަހެއްގައި ބާވައިލެއްވި، އަދި ލައިލަތުލްޤަދްރީގެ މަތިވެރި ދަރުމަ އެމަހެއްގައި ހިމެނިފައިވާ ރަމަޟާން މަހަކީ ނިއުމަތާއި ރަޙްމަތުން ފުރިގެންވާ މޫސުމެއްކަން ހަނދުމަފުޅުކޮށް އަރުވަމުން އެމަނިކުފާނު ވަނީ، ރަމަޟާންމަހު ހިފާ ރޯދަ އާއި، އަޅުކަމަށް ދޭ ސަމާލުކަމާއި، އަނެކުންނަށް ދޭ މަދަދާއި ކެތްތެރިކަމާއި އިހުސާންތެރިކަމުގައި ދެމިތިބުމަކީ ޖިސްމަށާއި ރޫހަށް ލިބިދޭ އަގުހުރި ތަރުބިއްޔަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މީގެއިތުރުން، ދިވެހީންގެ ސިލްމާ ސަލާމަތާ ކާމިޔާބު ގުޅިފައިވަނީ މާތްވެގެންވާ އިސްލާމް ދީނާކަން، މި ފަދަ ކޮންމެ ރޯދަ މަހެއްގައިވެސް އަޅުގަނޑުމެން ޔަގީން ކުރަންވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މާތް ﷲ ދިވެހީންނަށް ދެއްވާފައިވާ ނިއުމަތްތަކާއި، އަމާންކަމާއި، ރަޙްމަތުގެ ބޮޑުކަމާއި، ގަދަކީރިތިވަންތަ ﷲގެ އޯގާވަންތަކަން ހަނދުމަކޮށް ޝުކުރު ކުރާ ހާލު، މުޅި އިސްލާމީ އުންމަތާއި، ޚާއްޞަކޮށް ނުތަނަވަސްކަމާއި ދަތި ހާލުގައި ތިބި ކޮންމެ މުސްލިމެއްގެ މައްޗަށް ހެޔޮ ދުޢާކޮށްދީ ހެޔޮ ފޯރުވައިދޭން އެމަނިކުފާނުގެ ހިތާބުގައި އިރުޝާދުދެއްވާފައިވެއެވެ.

އެގޮތުން، ފަލަޞްޠީނުގެ އަހުލުވެރީންނާއި، ހަނގުރާމައާއި އަނިޔާވެރިކަމާއި ހައިހޫނުކަން ބަރުދާސްކުރަމުންދާ މިނޫންވެސް މުސްލިމު މުޖްތަމައުތަކާއި އާއިލާތަކަށް ކުޅަދާނަވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދޭން ވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ހިތާބު ނިންމަވާލައްވާފައިވަނީ، ރަމަޟާން މަހުގެ ފާގަތިކަމާއި ބާއްޖަވެރިކަން ދިވެހި ގައުމަށް އަބަދުމެ ތަކުރާރުކޮށްދެއްވުމަށާއި، މި ލޮބުވެތި ވަތަން އިސްލާމް ދީނުގެ ހިދާޔަތުގައި އަބަދުމެ ލެހެއްޓެވުމަށާއި، ދިވެހި ރައްޔިތުންނަކީ ހެޔޮލަފާ ބައެއްގެ ގޮތުގައި އަބަދުމެ ލައްވައި، ވިޔަވަތި ދިރިއުޅުމެއް މިންވަރުކުރެއްވުމަށް އެދިވަޑައިގެން ދުއާ ދަންނަވަމުންނެވެ.