އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ބާއްވާ އިޙްޔާ ފޯރަމް އޮންނާނެއެވެ.

މިއަހަރު މާލޭގައި 8 އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ފޯރަމްތައް ބޭއްވުމަށް ހަމަޖައްސާފައިވަނީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހުގެ ރޭގައެވެ.

މި އަހަރުގެ ފުރަތަމަ އިޙްޔާ ފޯރަމް އޮންނާނީ 2 މާރިޗު 2025 ވަނަ ދުވަހުގެ ރޭގައެވެ.

މި ފޯރަމްގައި ”ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުންކުރުން“ މި މަޢުޟޫއަށް ތަޤުރީރު ކުރައްވާނީ އިސްލާމިކް މިނިސްޓަރު ޑރ. މުޖައްމަދު ޝަހީމް އަލީ ސައީދުއެވެ.

މީގެ އިތުރުން އިޙްޔާ ފޯރަމްތަކުގައި ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޑރ. ޢަބްދުއްސައްތާރު އަބްދުއްރަޙްމާން، ފަޟީލަތުއްޝައިޚް އަޖްމަދު ސަމީރު އިބްރާހީމް ހުސައިން، އައްޝައިޚް މުހައްމަދު ޤުބާދު އަބޫބަކުރު، ފަޟީލަތުއްޝައިޚް މުހައްމަދު ލަތީފު، ޑރ. މޫސާ އަންވަރު ހަސަން، ޑރ. އަނާރާ ނައީމުގެ އިތުރުން ޑރ. އަލީ ޒާހިރު ބިން ސައީދު ޤާސިމްއެވެ.

މިއަހަރުވެސް ސްކޫލް ދަރިވަރުން ހުށައަޅާދޭ ދަރިވަރުންގެ އިޙްޔާ ފޯރަމްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ދަރިވަރުންގެ އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހުގެ ރޭގައެވެ.

މީގެ އިތުރުން އަތޮޅުތެރޭގެ ހަތް ރަށެއްގައި މިއަހަރު އިޙްޔާ ފޯރަމް އޮންނާނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އަތޮޅުތެރޭގައި އިޙްޔާ ފޯރަމް ބާއްވާނެ ރަށްތައް ކަނޑައަޅާފައިވަނީ އެކަމަށްޓަކައި ހުޅުވާލި ފުރުސަތުގައި ޕްރޮޕޯސަލް ހުށައެޅި ރަށްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތަކަށް ބަލައިގެން ކަމަށެވެ.

އެގޮތުން މި އަހަރުގެ ރަމަޟާން އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީ، ހދ. ނާވައިދޫ، ނ. މަނަދޫ، ތ. ގުރައިދޫ، ހއ. ބާރަށް، ގދ. ގައްދޫގެ އިތުރުން ރ. މީދޫގައެވެ.

މި ރަށްތަކުގައި އިހްޔާ ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ހުކުރު އަދި އަންގާރަ ދުވަހުގެ ރޭތަކުގައެވެ.

މި އަހަރުވެސް އިޙްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ހާއްސަ އެކި އިނާމުތައް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.