އެންމެ އަގުހެޔޮކޮށް ކާބޯތަކެތި ލިބޭނެ ފިހާރަތައް ދައްކުވައިދޭ ޕޯޓަލްއެއް އިކޮނޮމިކް މިނިސްޓްރީން ރޭ ތައާރަފުކޮށްފިއެވެ.
މި ޕޯޓަލް ލޯންޗު ކޮށްދެއްވީ، ދައުލަތުގެ މީޑިއާގެ ’ރޯދައަށް ތައްޔާރު‘ ޕްރޮގުރާމުގައެވެ. ޕޯޓަލްގެ ނަމަކީ ”އަގުމަގު“ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، އެ ޕޯޓަލް މެދުވެރިކޮށް އެއްތަނަކުން އެންމެ ހެޔޮ އަގުގައި އަސާސީ ކާބޯތަކެތީގެ އަގުތައް ފޯރުކޮށްދޭނެ ކަމަށެވެ.
އެގޮތުން އެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނަ މައުލޫމާތަކީ އެ މިނިސްޓްރީގެ އިންސްޕެކްޝަން ޓީމުގެ ފަރާތުން ކޮންމެ ހަފުތާއަކު ފިހާރަތަކަށާއި ބާޒާރުތަކަށް ގޮސް އެއްކުރާ މައުލޫމާތު ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އެ ޕޯޓަލްގައި އަސާސީ ކާބޯތަކެތީގެ ގޮތުގައި ހިމަނައިފައިވާނީ، ބައިނަލްއަގުވާމީ ގޮތުންނާއި ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކުން އަސާސީ ކާބޯތަކެތި ކަމުގައި ކަނޑައަޅާފައިވާ މިންގަޑުތަކަށް ފެތޭ ކާބޯތަކެތި ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން މިވަގުތު އަގުތައް ބަލަމުން އަންނަނީ މާލެ ސަރަހައްދުގައާއި ހުޅުމާލޭގެ ދެ ފިޔަވަހީގައި ނަމަވެސް، މުސްތަގުބަލުގައި އަތޮޅުތަކުގެ އެކި ރަށްތަކުގެ ފިހާރައިގެ އަގުތައް ވެސް ހިމަނާނެކަން މިނިސްޓްރީން ފާހަގަކުރިއެވެ.
އެ ޕްރޮގްރާމުގައި ސައީދު ވިދާޅުވީ އެ ޕޯޓަލްގައި ދެން އޮތް މަރުހަލާއަކީ، ވިޔަފާރިވެރީން އަމިއްލައަށް ވެސް އަގު ހިއްސާކުރެވޭނެ ގޮތް ހެދުން ކަމަށެވެ.

