ބޯކޮށް ވާރޭ ވެހި، ސަރުކާރުގެ ގިނަ އޮފީސްތައް ހުންނަ މާލޭގެ ގިނަ ވަރަށް ބޮޑަށް ފެންބޮޑުވުމާ ގުޅިގެން މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށްގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީ 2 މާރިޗް 2025 ވަނަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފައިވާ ކަމަށެވެ.

މިއަދަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިއިރު، ފެންބޮޑުވާނެ ކަމަށް ލަފާކޮށް މާލެ ހިމެނޭ ގޮތަށް ބައެއް ސަރަހައްދުތަކަށް ވަނީ އޮރެންޖް އެލާޓް ނެރެފައެވެ.

އެގޮތުން ބޯކޮށް ވާރޭ ވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް ބ އަތޮޅުން ދ އަތޮޅަށް، މިއަދު ހެނދުނު 7:00އާ ހަމައަށް ވަނީ އޮރެންޖު އެލާޓް ނެރެފައެވެ.

ވިއްސާރަވެ، މާލޭގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައިވާއިރު ފެން ހިންދުމާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތުގައި ސިފައިންނާ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިގޮތުން މާލޭގެ 13 ސަރަހައްދެއްގައި ޕަމްޕްތައް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.

އަދި ފެންބޮޑުވެ، ހޮސްޕިޓަލުތަކުން ގެއަށް ނުދެވިފައި ތިބި މީހުން ގޭގެއަށް ގެންގޮސްދިނުންފަދަ ކަންކަމުގައި ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.