މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ފެންބޮޑުވި މާލޭގެ މަގުތައް އާއްމު ހާލަތަށް ގެނެސްފިއެވެ.
އިއްޔެ ބޯކޮށް ވެހެމުންދިޔަ ވާރޭގައި މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވުން، ފެން ހިންދުމަށް ސިފައިން ދިޔައީ މަސައްކަތް ކުރަމުންނެވެ.
އެމްއެންޑީއެފުން ކުރިއަށްގެންދާ އޮޕަރޭޝަންގައި މާލޭގެ 131 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ، 976 ވެލި ބަސްތާ ޖަހައިދީފައިވާ ކަމަށް އެ މުއައްސަސާ އިން ބުންޏެވެ.
މި އޮޕަރޭޝަންގައި ކ.ހުރާ، ކ.ގުރައިދޫ، ކ.ހިންމަފުށި، ކ.ތުލުސްދޫ ކ.މާފުށި، އދ.މާމިގިލި، ދ.މީދޫ، އަދި ފ.ނިލަންދޫ ގައި ފެން ހިންދުމުގައި ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ.
”އަދި މާލޭ ސިޓީގެ ފެންބޮޑުވެފައިވާ ސަރަހައްދުތައް އާންމު ހާލަތަށް ގެނެވިފައިވާތީ، ފެން ހިންދުމުގެ މަސައްކަތް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ. މި އޮޕަރޭޝަންގައި 16911 ޓަނުގެ ފެންވަނީ ހިންދާފަ.“ އެމްއެންޑީއެފް އިން ބުންޏެވެ.
އިއްޔެ މާލެ އަށް ވެހެންފެށި ވާރޭ ހުއްޓީ ރޭ ފަތިހުގެ ވަގުތެއްގައެވެ. ފެންބޮޑުވުމުން ދިމާވި އުނދަގޫތަކާ ގުޅިގެން މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވައިފައެވެ.

