އިިއްޔެ މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ، ނަޖިސް ބޭރުވުމުގެ ސަބަބުން ހަތަރު ގެއެއްގެ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފިއެވެ.
މާލެ އަށް އިއްޔެ ހަވީރު ވެހެން ފެށި ވާރޭ ހުއްޓީ ރޭ ފަތިހުއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލެއަށާއި އަތޮޅުތެރޭގެ ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގޭގެއަށް ފެންވަންނަމުން ދާތީ، އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށެވެ.
އަދިވމި ހާދިސާއާ ގުޅިގެން ފެންބޮޑުވެ ނަޖިސް ބޭރުވުމުގެ ސަބަބުން ހަތަރު ގެއަކުން 40 މީހަކު ރައްކާތެރި ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އެންޑީއެމްއޭ އިން ބުނީ، ކ. ހިންމަފުށްޓާއި ހުރާ އަދި ގުރައިދޫއަށް ބޯކޮށް ވާރޭ ވެހިފައިވާކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި އެ އަތޮޅު ތުލުސްދޫގައި ފެންބޮޑުވެ ބައެއް ގެތަކުން ނަޖިސް ލީކުވެފައިވާ ކަމަށެވެ.

