ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ކ.ދިއްފުއްޓަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން ބުނިގޮތުގައި، ދިއްފުއްޓަށް ވަނީ ރެކޯޑު މިންވަރަކަށް ވާރޭ ވެހިފައެވެ.
މިގޮތުން ދިއްފުށީގައި ގައިމްކޮށްފައިވާ އޮޓޮމެޓިކް ވެދަރ ސްޓޭޝަނުން ވަނީ އިއްޔެ 8:00 އިން މިއަދު ހެނދުނު 8:00 އާ ދެމެދު 296 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރެކޯޑުކޮށްފައެވެ.
މިއީ މިހާތަނަށް އެއް ދުވަހެއްގެ ތެރޭގައި ރާއްޖޭގެ ރަށަކަށް އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑު ކުރެވުނު އަދަދެވެ.
ކ. ދިއްފުއްޓަށް 296.1 މިލިމީޓަރުގެ ވާރޭ އިއްޔެ ވެހުނުއިރު، ހއ. ކެލައަށް 12 އޮގަސްޓު 2024ގައި 231.5 މިލިމީޓަރުގެ ވާރޭ ވެހުނެވެ.
އަދި 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު، މާލެއަށް 228.9 މިލިމީޓަރުގެ ވާރޭ ވެހުނެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތައް ތަހައްމަލުކުރަންޖެހިފައިވާތީ، މާރިޗު 2، 2025 ވަނަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.
އަތޮޅުތެރޭގެ ބައެއް ރަށްތަކުގައި ވެސް ވިއްސާރައިގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުން އަންނައިރު، ސިފައިންނާ ފުލުހުން ގުޅިގެން ފެން ހިންދުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

